މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ފޭސް1ގެ ބާކީ 4 ސެގްމަންޓްގެ އަމަލީ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިމަސައްކަތުގެ ތެރެއިން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާހަމައަށެވެ.
ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެމުން އެމްޓީސީސީން ބުނީ، މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ފޭސް1ގެ ބާކީ ހިމެނޭ 4 ސެގްމަންޓްގެ އަމަލީ މަސައްކަތް މިހަފްތާތެރޭ ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މި މަސައްކަތުގެ ތެރެއިން 700 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި 610 މީޓަރުގެ އެއްގަމު ތޮށި ތަރައްގީކޮށް، މަގުގެ ޖާގަ ބޮޑުކުރުމަށް މަގު އިތުރަށް ފުޅާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ، މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން، އަންނަ ހޯމަ ދުވަހުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލުން ލަފާފުރާ އަތޮޅު ފެރީތައް މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލެ ފެރީ ޓާމިނަލުން ލަފާފުރާގޮތަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި ސެގްމެންޓުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ނިމުނު ދެ ސެގްމަންޓްގެ މަސައްކަތްވެސް ކުރިއަށް ގެންދިޔަ ފަރުމާއަށްކަމަށް އެމްޓީސީސީން ބުނެއެވެ.
މަގު ހެދުމުގެ ފޭސް1ގައި ހިމެނޭ 4 ސެގްމެންޓުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސަރަހައްދު ޒަމާނީ ފެންވަރަށް ތާރުއަޅާ ތަރައްގީ ކުރުމުގެ އިތުރުން، އެ ސަރަޙައްދުގައި ފެން ހިންދާ ނިޒާމު ގާއިމްކޮށް، ޕޭމަންޓު ހަދައި، ލައިޓް ޖެހުމަށްވެސް ހަމަޖެހިފައިވެއެވެ.
މަގުގެ މަސައްކަތް ކުރި ނަމަވެސް، މަސްވެރިންގެ ޕާކު ހިމެނޭ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނައުމަށް ހަމަޖެހިފައެއްނުވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފޭސް 1 ގައި ހިމެނެނީ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. މީގެތެރެއިން ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާހަމައަށް ހިމެނޭ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، މިދިޔަ ޑިސެންބަރުމަހުގެ 8 ވަނަ ދުވަހުވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.