ބާކީ ނުކުރާ މުޖުތަމައެއް ބިނާ ކުރުމަކީ ފަރުދީ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސާޖިދާ މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

އެކަމަނާ ވިދާޅުވީ ދިރިއުޅުމުގެ ކަންކަން އެކި މީހުން ތަޖުރިބާކުރާ ގޮތް ތަފާތުކަމަށާއި އެއީ ބަލިކަށިކަމެއް ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި، މިއީ މި ދުނިޔެއަށް އިތުރު ފުރިހަމަކަމާއި ރީތިކަން ގެނެސްދޭ ކަމެކަމަށް ސާޖިދާ ވިދާޅުވިއެވެ.

ސާޖިދާ ވަނީ، ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް މުޖުތަމައުން ބާކީވުމާއި އެކަނިވެރިކަމާ ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް، އެ ފަރާތްތަކަކީ ލޯތްބާއި، އޯގާތެރިކަމުގެ އިތުރުން ކެތްތެރިކަމުގެ ނަމޫނާ ބައެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރަމުންދާއިރު، ކޮންމެ މީހަކީވެސް ބަލައިގަނެވޭ، އަގުވަޒަންކުރެވޭ، އަދި އެންމެންގެ ތެރޭގައި ޝާމިލުވެވޭނެ ފަދަ މާހައުލެއް ބިނާކުރުމަށް އަޒުމް ކަނޑައެޅުމަށް ސާޖިދާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އިތުރަށް ސާޖިދާ ވިދާޅުވީ، އެކަކު އަނެކަކަށް އިހުތިރާމާއެކު މުއާމަލާތްކޮށް، ހޭލުންތެރިކަން އިތުރުކޮށް، އެއްވެސް މީހަކީ ބާކީވެފައިވާ މީހެއް ކަމުގައި އިހުސާސް ނުވާނެ ފަދަ މުޖުތަމައެއް ބިނާކުރުމަކީ ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި ބާކީ ނުކުރާ މުޖުތަމައެއް ބިނާ ކުރުމަކީ ފަރުދީ ޒިންމާއެއްކަން ހަނދާންކޮށްދެމުން މުޖުތަމައުގައި ޝާމިލުވުމަކީ ކޮންމެ އިންސާނަކަށް ލިބިގެންވާ ހައްގެއްކަމަށް ވެސް ސާޖިދާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައެވެ. މިއަހަރު ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރަކަށް އދ. އިން ކަނޑައަޅާފައިވަނީ ޝިއާރަކީ "އެކަނިވެރިކަމާ ދެކޮޅަށް އެކުގައި" މި ޝިއާރެވެ.