ކޮންމެ ދުވަހަކުވެސް ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރިޔަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި އާންމުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭޕްރިލް މަހުގައި ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމި، ސާވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖައްސާފައެވެ.
ގިރާވަރުފަޅު މިހާރު ހިއްކަމުންދަނީ 2 ޑްރެޖަރު ބޭނުންކޮށްގެންނެވެ. އެއީ ކުއީން އޮފް ދި ނެދަލޭންޑްސްއާއި އޮރެންޖީއެވެ. ކުއީން އޮފް ދި ނެދަލޭންޑްސްއަކީ އެއްފަހަރާ 35،500 ކިޔުބިން މީޓަރުގެ ބިން ހިއްކޭ އަދި އޮރެންޖީއަކީ އެއްފަހަރާ 22،000 ކިޔުބިން މީޓަރުގެ ބިން ހިއްކުމުގެ ގާބިލްކަން ހުންނަ ޑްރެޖަރެއްކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބިންހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރުފަޅު ކަމަށް ރައީސް ވަނީ މީގެކުރިން ވިދާޅުވެފައެވެ. 2 ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު މިއާއިއެކު ބިން ހިއްކުން އިތުރަށް އަވަސްވެގެން ދާނެއެވެ.