ބ.އޭދަފުށީގައި ފިއުލް ސްޓޭޝަން ގާއިމްކޮށް ހިދުމަތް ދޭން ފަށައިފިއެވެ.

މޯލްޑިވްސް ފިއުލް ސަޕްލައިސް، އެފްއެސްއެމް އިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަ ކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ބ.އޭދަފުށީގައި ފިއުލް ސްޓޭޝަން ގާއިމްކޮށް ހިދުމަތް ދޭން ފަށާފައިވާކަމަށެވެ.

މަސްވެރިންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކަކާއި ޝަކުވާތަކެއް މި ސަރުކާރު ވެރިކަމާއި ހަވާލުވީއިރު އޮތެވެ. އަތޮޅުތެރެއިން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމްތަކެއް ހަމަޖެހިފައި ނެތުމަކީ އޭގެތެރެއިން އެއް ޝަކުވާއެވެ. މިކަން ހަލު ކޮށްދިނުމަށް ސަރުކާރުން ވަނީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސާ ދިނުމަށް ފިއުލް ސްޓޭޝަންތަކެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން 18 ފިއުލް ސްޓޭޝަނެއް ގާއިމުކުރުމަށް ހަމަޖައްސާފައިވާއިރު، މިހާތަނަށް 4 ފިއުލް ސްޓޭޝަނެއް ނިންމާ ހިދުމަތް ދޭންވަނީ ފަށާފައެވެ. އެއީ ރ. ދުވާފަރު ، ހދ. ހަނިމާދޫ، ހއ. އިހަވަންދޫގެ އިތުރުން ބ.އޭދަފުއްޓެވެ.

މީގެއިތުރުން ށ. މިލަންދޫގައި ގާއިމްކުރާ ފިއުލް ސްޓޭޝަންގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މިހާރު މަސައްކަތް ކުރަމުންދަނީ ފ. ނިލަންދޫގައި ގާއިމްކުރާ ފިއުލް ސްޓޭޝަންގެ މަސައްކަތްކަމަށް އެސްޓީއޯއިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ފިއުލް ސްޓޭޝަންތައް ގާއިމްކުރާ ރަށްރަށަށް ބަލާލާއިރު، ރ. ދުވާފަރު، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ގދ. ފަރެސްމާތޮޑާ، ށ. މިލަންދޫ، ނ. މަނަދޫ، ބ. އޭދަފުށި، ވ. ފެލިދޫ، ތ. ހިރިލަންދޫ، އއ. މަތިވެރި، މ. މުލައް، ދ. ކުޑަހުވަދޫ، ލ. ގަމު އަދި ފ.ނިލަންދޫ ހިމެނެއެވެ.

މީގެ އިތުރުން އެސްޓީއޯ އިން ބުނީ ޏ. ފުވައްމުލަކުގައި ތެޔޮ އެޅުމުގެ އިންތިޒާމު އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ބައުޒަރެއް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އެސްޓީއޯއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

އެފްއެސްއެމްގެ ހިދުމަތް މާލޭގެ އިތުރުން މިހާރު ދެމުން އަންނަނީ އައްޑޫ ސިޓީ ގަން، ހުޅުމީދޫ، ފުވައްމުލަކު، ކޫއްޑޫ، ތިނަދޫ އަދި ފެލިވަރުގައެވެ.