ޒަމާނީ ފެންވަރަށް ގދ.ވާދޫގެ މަގުތައް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވަލޮޕްމެންޓްކޯޕަރޭޝަން އާރްޑީސީ އިން ބުނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ގދ.ވާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށެވެ. މި މަސައްކަތް ފެށީ މިމަހުގެ 17 ވަނަ ދުވަހުއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުވަދު އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ގދ.ވާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވާދޫގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ވިދާޅުވިއެވެ.
ވާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ގޮތުން އެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ކަމަށްވީއިރު، މި މަސައްކަތުގެ ދަށުން ވާދޫގެ 6 މަގެއް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްގީކުރާނެއެވެ. އަދި ދުވާރު ހެދުމާއި މަގު ބައްތި ޖެހުމުގެ މަސައްވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެއްވެސް ރަށެއްގައި ތާރުއަޅައިގެން މަގު ތަރައްގީ ކުރުމަކީ މަޖުބޫރު ކަމެއްނޫން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެގޮތުން ތާރުގެ ބަދަލުގައި ލޯކަލް ޓޫރިޒަމް ހިންގަމުންދާ ރަށްރަށުގައި ވެލި މަގުތައް ބޭއްވުމަށްފަހު ފެންބޮޑުވުން ފަދަ މައްސަލަތައް ހައްލު ކުރުމަށް ބޭނުންވާ ވެހިކަލްތަކާއި، މަގު މަރާމާތު ކުރުމަށް ބޭނުންވާ އާލާތްތައް ހޯދައިދިނުމަށް ބައެއް ކައުންސިލްތަކުން ހުށަހަޅާ ކަމަން ފާހަގަކޮށް ސަރުކާރުން ބުނީ އެފަދަ ވަސީލަތްތައް ސަރުކާރުން ފޯރުކޮށްދީގެން ރައްޔިތުން ބޭނުންވާ ގޮތަށް މައްސަލަތައް ހައްލު ކޮށްދޭނެ ކަމަށެވެ.