ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުވެ، ފީގެގޮތުގައި ލިބުނު އަދަދު 444،964 ރުފިޔާ ދަށަށްގޮސްފިއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ދެމަހު ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މީރާއިން ބަލައިގަނެފައިވަނީ މުޅި ޖުމްލަ 666,948 (ހަލައްކަ ފަސްދޮޅަސް ހަހާސް ނުވަސަތޭކަ ސާޅީސް އަށެއް) ރުފިޔާއެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1،112،912 (އެއް މިލިޔަން އެއްލައްކަ ބާރަހާސް ނުވަސަތޭކަ ބާރަ) ރުފިޔާއެވެ. އެެހެންކަމުން މިއީ 40 އިންސައްތަ ދަށް އަދަދެކެވެ.
ޕްލާސްޓިކް ކޮތަޅު ފީއަކީ ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން ޕޮއިންޓް އޮފް ސޭލްގައި ވިއްކާ ޕްލާސްޓިކް ކޮތަޅުން ފީގެ ގޮތުގައި 2 ރުފިޔާ ނެގުމަށް ނިންމާފައިވުމާއިއެކު ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ފްލާސްޓިކް ކޮތަޅުން ފީނެގުމުގެ ގަވައިދުގެ ދަށުން ނަގާ ފީއެކެވެ. މި ގަވައިދަށް އަމަލުކުރަން ފަށާފައިވަނީ 18 އޭޕްރީލް 2023 އިން ފެށިގެންނެވެ.
މި މުއްދަތުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މީރާއިން ބަލައިގަނެފައިވާ އަދަދު ދަށްވެފައިވަނީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، ނަގާ ފީގެ ސަބަބުން ރާއްޖެއަށް ޕްލާސްޓިކް ކޮތަޅު އެތެރެކުރާ މިންވަރު ދަށްވުމުގެ ސަބަބުން ކަމަށް މީރާއިން ފާހަގަކުރެއެވެ.
ޕްލާސްޓިކް ކޮތަޅު ފީގެ އާމްދަނީ އަންދާޒާކުރަނީ އަހަރުން އަހަރަށް ޕްލާސްޓިކް ކޮތަޅު ބޭނުންކުރާނެ މިނަވަރު މަދުވާނެކަމަށް ބަލައިގެންނެވެ.
ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާ އަދަދަކީ ދައުލަތަށް ނެގޭ ޓެކުހެކެވެ. އަދި އެ ފަރާތްތަކުން ނަގާ ޕްލާސްޓިކް ކޮތަޅުގެ ފީގެ ޖުމްލަ އަދަދު ޓެކްސްގެ ގޮތުގައި މީރާއަށް ހަމައަށް ދައްކަންޖެހެއެވެ. ނަމަވެސް ބައެއް ޕްލާސްޓިކް ކޮތަޅުން ޕްލާސްޓިކް ކޮތަޅުގެ ފީއެއް ނުނަގައެވެ. މީގެ ތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު، ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު އަދި ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ" ހިމެނެއެވެ.