ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 130 އަށްވުރެ ގިނަ މީހަކަށް އަގު އެއްކުރި މަހުގެ ބާވަތްތައް ތައްޔާރުކުރުމުގެ ހުނަރު ދަސްކޮށްދީފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނީ ރާއްޖޭގެ 5 ރަށެއްގައި އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ހިންގާފައިވާކަމަށެވެ.
އެގޮތުން ހދ. ކުޅުދުއްފުށި ސިޓީ، ނ. ކުޑަފަރީ، ހއ. އިހަވަންދޫ، ފ. ނިލަންދޫ އަދި ޅ. ކުރެންދޫ ގައި މި ތަމްރީން ހިންގާފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި މި 5 ރަށުން މުޅި ޖުމްލަ 139 މީހަކަށް ވަނީ ތަމްރީން ދީފައި ވާކަން ފާހަގަކޮށް އެއީ 59 ފިރެހެނުންނާއި، 80 އަންހެނުން ކަމަށް ބުނެއެވެ.
މަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމުގައި މީގެކުރިން ރަށްރަށުގައި ހަރަކާތްތެރިވަމުން އައީ ދިވެހި ކަނބަލުންނެވެ. ނަމަވެސް މިހާރު މި މަސައްކަތުގައި ގިނައިން ހަރަކާތްތެރިވަމުން އަންނަނީ ބިދޭސީންނެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާގެ އަމާޒަކީ މި މަސައްކަތުގައި އުޅޭ ދިވެހިންގެ އަދަދު އިތުރުކުރުމެވެ. މިއީ އުފެއްދުމުގެ ފެންވަރުވެސް މަތިވާނެކަމެއްގެ ގޮތުގައި އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ދިވެހި މަސްވެރިން ބާނާ މަސް އެހެން ގައުމުތަކުގެ މަސް ކުންފުނިތަކުން ގަނެގެން، އަގު އެއްކުރި މަހުގެ އުފެއްދުންތައް ބާޒާރަށް ނެރެގެން ބޮޑު ފައިދާއެއް ނަގަމުންދާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވިދާޅުވީ ކަން އެހެން އޮތް ނަމަވެސް މި ސަރުކާރުން ބޭނުންވަނީ އެ ފައިދާ ދިވެހި މަސްވެރިންނަށް ލިބޭނެގޮތަކަށް މި ނިޒާމު ބަދަލުކުރަންކަމަށެވެ. އަދި އެކަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ޜާއްޖޭގައި އުފައްދާ އަގު އެއްކުރި މަހުގެ މިންވަރު އިތުރުކުރުމަށް، މި ދާއިރާއިން އިންވެސްޓް ކުރުމަށް އެދޭ ކުންފުނިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދެވޭނެކަމަށާ، މަހުގެ އުފެއްދުންތައް އުފައްދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން އެހީތެރިކަން ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަވާނެކަމަށެވެ.
ވެލިއު އެޑަޑް ޕްރޮޑަކްޓް ނުވަތަ އަގު އެއްކުރި މަހުގެ ބާވަތްތަކަކީ ދަޅުގައާއި ޕޯޗްގައި އެކި ގޮތްގޮތަށް ބަންދުކޮށްފައި ހުންނަ މަހުގެ އުފެއްދުންތަކެވެ. އޭގެތެރޭގައި ދަޅުމަހާއި ހިކިމަހާއި، މަހުގެ އެކި ބައިތަކުން އުފައްދާ ތަފާތު ބާވަތްތައް ހުރެއެވެ. ނަމަވެސް ރާއްޖެއިން އާއްމުގޮތެއްގައި މަސް ބޭރުކުރަނީ އަގު އެއްކުރި މަހުގެ އުފެއްދުންތަކުގެ ބަދަލުގައި ގަނޑުކުރި ރޯމަހުގެ ގޮތުގައެވެ.
ރާއްޖެއިން މިހާރު އެކްސްޕޯޓްކުރާ މަހުގެ ބޮޑުބަޔަކީ ރޯމަހެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބޮޑު ބަޔަކީ އަގު އެއްކުރި މަހުގެ ގޮތުގައި އެކްސްޕޯޓްކުރުމެވެ. އެހެންކަމުން މިކަމުގެ ހުނަރާއި ތަމްރީން ފޯރުކޮށްދޭން ޖެހެއެވެ.
އަގު އެއްކުރި މަހުގެ ބާވަތްތައް އުފެއްދުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިންވަނީ ރާއްޖޭގެ ބައެއް ރަށްރަށަށް ދަތުރުކޮށް ބަލާފައެވެ. އަދި އެކަން ކުރަން އެންމެ ރަނގަޅުކަމަށް ފެނުނު ރަށްރަށުގައި ވަނީ މިފަދަ ތަމްރީންތައް ކުރިއަށްގެންގޮސްފައެވެ.