މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ، ހޫނުވުމާއި ގުޅިގެން އިރުގެ ހޫނުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ޢިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ހޫނުގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އޭޕްރީލް މަހަކީ ހޫނުމިން އެންމެ މަށްޗަށް ދާ ދުވަސްވަރުކަމަށެވެ. އަދި މި ދުވަސްވަރު ހޫނު ގަދަވުމަށް މެދުވެރިވާ ސަބަބަކީ ވިލާ މަދުވެ، ވައި މަޑުވެ، ވައިގެ ތެއްކަން ހިފެހެއްޓޭ މިންވަރު މަތިވުމުންނެވެ. އަދި ދުވާލުގެ ހޫނުމިން މަތިވެގެންދާ ވަރާއި ރޭގަނޑުގެ ހޫނުމިން މަތިވެގެންދާ ވަރާ އަޅާބަލާއިރު، އެ ފަރަގުވެސް ކުޑަވެއެވެ. މިކަމުގެ ސަބަބުން ޢާންމު ވައިގެ ހޫނުމިނަށްވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވެގެންދާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

މިދުވަސްވަރު ހޫނު ގަދަވުމާއި ގުޅިގެން އެޗްޕީއޭއިން ކުރި ޕޯސްޓެއްގައި ވަނީ، ހޫނު ގަދަވުމުގެ ސަބަބުންނާއި އިރުގެ ދޯދިން ތުއްތު ކުދިންނާއި، ކުޑަކުދިންނަށް ކުރާ އަސަރު މާބޮޑުކަން ފާހަގަކޮށް، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޢިލްތިމާސްކޮށްފައެވެ.

ގަދަ ހޫނުގެ ސަބަބުން ކުޑަކުދިންނަށް ކުރާ އަސަރު ބޮޑުވާތީ، ބެލެނިވެރިން މިކަމަށް ވަރަށް ބޮޑަށް އަހައްމިއްޔަތު ކަމެއް ދޭންޖެހޭކަން ފާހަގަކުރައްވާ ކުޑަކުދިންގެ ޑޮކްޓަރ، ޑރ.އަޙްމަދު ފައިސަލް ވިދާޅުވީ، ކުޑަކުދިންގެ ހަށިގަނޑު އުފެދިފައިވާ ގޮތުން، އެކުދިންގެ ބަރުދަނާ އަޅާބަލާއިރު ހަމުގެ ސައިޒު ބޮޑުވުމުން ހަށިގަނޑަށް ބޮޑަށް ހޫނު ދަމައިގަންނާނެ ކަމަށެވެ. ވަކިން ޚާއްޞަކޮށް އެންމެ ތުއްތު ކުދިންނަށް މިކަމުން ވަރަށް ބޮޑަށް ނުރައްކާވާނެ ކަމަށެވެ.

ޑރ. ފައިސަލްގެ ވާހަކަފުޅުގައި ވަނީ، ބެލެނިވެރިން ސަމާލުވާންޖެހޭ ކަންކަމަށްވެސް އަލިއަޅުވާލައްވާފައެވެ. އަދި ހޫނުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުތައް އެޅުމަށްވެސް ބާރުއެޅުއްވިއެވެ.