އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ޑިއެގޯ ގާސިއާ އަށް އަމާޒުކޮށް އީރާނުން މެދު ރާސްތާގެ ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓްކޮށްފިއެވެ.

އެހެން ނަމަވެސް މި ހަމަލާތައް އެ މަރުކަޒަށް އަރާފައެއް ނުވެއެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ހުކުރު ދުވަހު ނެރުނު މި ރިޕޯޓުގައިވާ ގޮތުން، އީރާނުން ފޮނުވާލި ދެ މިސައިލްގެ ތެރެއިން އެއް މިސައިލް ދަތުރުމަތީގައި ވަނީ ފެއިލްވެފައެވެ. އަދި ދެވަނަ މިސައިލަށް ހުރަސްއެޅުމަށް އެމެރިކާގެ މަނަވަރަކުން އެސްއެމް-3 މަރުކާގެ އިންޓަރސެޕްޓަރެއް ފޮނުވާލި ނަމަވެސް، އެ މިސައިލް ވައްޓާލެވުނު ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ. ޑަބްލިއުއެސްޖޭ އިން މި ހަމަލާ ދިން ވަކި ތާރީޚެއް ނުވަތަ ވަގުތެއް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ރޮއިޓާސް އިން ސުވާލު ކުރުމުން، އެމެރިކާގެ ވައިޓް ހައުސް އިންނާއި ވޮޝިންގޓަނުގައި ހުންނަ އިނގިރޭސި އެމްބަސީގެ އިތުރުން އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީން ވެސް ވަކި ޖަވާބެއް ދީފައި ނުވާކަމަށް އެ ނޫހުން ބުނެފައިވެއެވެ. މި ހަމަލާ ދީފައި މިވަނީ ސަރަހައްދީ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެމެރިކާ އާއި އިސްރާއީލުގެ އިސްވެރިން މިކަމާ ގުޅޭގޮތުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ޑިއެގޯ ގާސިއާ އަކީ އިންޑިއާ ކަނޑުގެ މެދުގައި އޮންނަ، އެމެރިކާ އާއި އިނގިރޭސިވިލާތުގެ އެންމެ މުހިންމު އެއް އަސްކަރީ މަރުކަޒެވެ. މި ރަށަކީ ދުރު ރާސްތާގެ ބޮން އަޅާ ބޯޓުފަހަރާއި، މަނަވަރުތަކުގެ އިތުރުން ސަބްމެރިންތަކަށް ބޭނުންވާ ލޮޖިސްޓިކް ސަޕޯޓު ފޯރުކޮށްދޭ އިސްތިރާޖީ މަރުކަޒެކެވެ. މެދުއިރުމައްޗާއި ދެކުނު އޭޝިއާގެ ސަރަހައްދުތަކުގައި އެމެރިކާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި، ޚާއްޞަކޮށް އިރާގާއި އަފްޣާނިސްތާނު ހަނގުރާމައިގައި، މި މަރުކަޒު ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އީރާނުން މި މަރުކަޒަށް އަމާޒުކޮށް ހަމަލާދިނުމަކީ، އެ ސަރަހައްދުގައި އޮތް އެމެރިކާގެ އަސްކަރީ ބާރަށް ސީދާ ގޮންޖަހާލުމެކެވެ.

އީރާނާއި އެމެރިކާގެ ގުޅުން އިންތިހާއަށް ގޯސްވެފައިވާއިރު، އީރާނުން އަންނަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކުރެވޭ ފަދަ މިސައިލް އުފެއްދުމުގެ ގާބިލްކަން އަހަރަކަށްވުރެ އަހަރެއް އިތުރުކުރަމުންނެވެ. އިސްރާއީލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމުތަކަށް އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރާއި އެހީތެރިކަމުގެ ސަބަބުން، އީރާނުން ދެކޭގޮތުގައި އެމެރިކާއަކީ އެ ސަރަހައްދުގެ ހަމަޖެހުން ނަގާލާ މައިގަނޑު ބާރެވެ. މިފަދަ ހަމަލާތަކަކީ އީރާނަށް އިސްރާއީލާއި އެމެރިކާ ގުޅިގެން ދެމުންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ދެމުންދާ ހަމަލާތަކެއްގެ އިތުރުން، އެމެރިކާއާއި އިސްރާއީލުގެ އިސްވެރިން މެދުއިރުމަތީގައި ގެންގުޅޭ ހަރުކަށި ސިޔާސަތުތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޑިއެގޯ ގާސިއާ އަކީ ދިވެހިރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ ސިޓީއާ ގާތްގަނޑަކަށް 730 ކިލޯމީޓަރު (450 މޭލު) ދުރުގައި، އިންޑިއާ ކަނޑުގެ މެދުގައި އޮންނަ ރަށެކެވެ. މި ރަށަކީ ރާއްޖެއާ މިހާ ކައިރީގައި އޮތް ތަނަކަށް ވެފައި، އެތަނުގައި އެމެރިކާގެ ވަރުގަދަ އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައި އޮތުމަކީ ސަރަހައްދީ ސަލާމަތަށް އޭގެ ނުސީދާ އަސަރުތައް ފޯރާ ކަމެކެވެ.އީރާނުން ދިން މިފަދަ މިސައިލް ހަމަލާތަކުގެ ސަބަބުން މަސްރަހު އިތުރަށް ގޯސްވެ، ރާއްޖެ ހިމެނޭ މި ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގެއްލިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ޚާއްޞަކޮށް އެމެރިކާގެ ވެރިންނާއި އިސްރާއީލުގެ ނަތަންޔާހޫ ފަދަ ފަރާތްތަކުން ހިންގާ ހަރުކަށި އަމަލުތަކުގެ ސަބަބުން، ރާއްޖެއާ މިހާ ކައިރީގައި އޮތް އަސްކަރީ މަރުކަޒަކަށް ހަމަލާ އަމާޒުވުމަކީ ދިވެހިރާއްޖޭގެ ހަމަޖެހުމަށް ވެސް އޮތް ނުރައްކަލެކެވެ.