އީރާނަށް ހަމަލާދޭތީ ސްވިޒަލެންޑުން އެމެރިކާއަށް ހަތިޔާރު ވިއްކުން ހުއްޓާލައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސްވިޒަލޭންޑުން އެމެރިކާއަށް ހަތިޔާރު އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވަނީ އީރާނުގެ އެކި ސަރަހައްދުތަކަށް އެމެރިކާއިން ހަމަލާދެމުން އަންނާތީއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ބައިނަލްއަގުވާމީ ހަނގުރާމައިގައި އެމެރިކާ ބައިވެރިވާ ކަމަށް ބުނެ ސްވިޒަލޭންޑު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާއަށް ހަނގުރާމައިގެ ސާމާނު އެކްސްޕޯޓް ކުރުމުގެ ހުއްދައެއް ނުދެވޭނެ ކަމަށެވެ.
އެގޮތުން އެ ބަޔާނުގައި ބުނެފައި ވަނީ ފެބްރުއަރީ 28 ވަނަ ދުވަހު މެދު އިރުމަތީގެ ހަނގުރާމަ ފެށި ފަހުން އެމެރިކާއަށް ހަނގުރާމައިގެ ސާމާނު އެކްސްޕޯޓް ކުރުމަށް އާ ލައިސަންސެއް ދޫކޮށްފައި ނުވާ ކަމަށެވެ.
އަދި ސްވިޒަލޭންޑުން އީރާން ހަނގުރާމައާ ގުޅުން ހުރި އެމެރިކާގެ އަސްކަރީ ފްލައިޓްތަކަށް އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކުރަން ނިންމާފައިވާ ކަންވެސް ވަނީ ހާމަކޮށްފައެވެ.
އެމެރިކާއަކީ ސްވިޒަލޭންޑްގެ ހަތިޔާރު ދެވަނައަށް އެންމެ ގިނައިން އެތެރެކުރާ ގައުމެވެ.
ސްވިޒަލޭންޑްގެ ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އާންމު ގޮތެއްގައި 94.2 މިލިއަން ފްރޭންކް (119 މިލިއަން ޑޮލަރު) ގެ އަގުހުރި ހަތިޔާރު އޭގެ ތެރޭގައި ހިމެނެއެވެ.
އެމެރިކާ އާއި އިޒްރޭލުން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނަށް ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އީރާނުންވެސް ދަނީ ހަމަލާ ދެމުންނެވެ.
އެމެރިކާއާ އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކުގައި އިރާނުގެ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލާރިޖާނީ ހިމެނޭހެން އީރާނުގެ ބައެއް އިސްވެރިން ވަނީ އަވަހާރަކޮށްލާފައެވެ.
ދެފަރާތުގެ ހަމަލާ ބަދަލުކުރުންތައް އިތުރުވެ މެދުއިރުމަތީގެ ގައުމުތަކަށް އެ ހަނގުރާމަ ވަނީ ފުޅާވެފައެވެ.