ސިނަމާލެ ފްލެޓުތައް މަރާމާތުކޮށް ބަލަހައްޓާނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުންއިއުލާންކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ވަނީ ސިނަމާލެ 1،2،3،4ގެ ފްލެޓުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ބަޔަކު ބޭނުންވާ ކަން ހާމަކޮށްފައެވެ.

އެގޮތުން އެ އިއުލާނުގައި ބުނީ އަންނަ ބުރާސްފަތި ދުވަހު އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފަހު އަންނަ މަހުގެ ހަ ވަނަ ދުވަހު އަގު ހުށަހަޅަން އެދިފައެވެ.

މީގެ އިތުރުން އެ ފްލެޓުތަކާއި މާލެހިޔާ ފްލެޓުތަކުގެ ލިފްޓުތައް މަރާމާތުކޮށް، ސާވިސް ކޮށްދޭނެ ބަޔަކު ހޯދަން ވެސް ބީލަން ހުށަހަޅަން މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފައި ވެއެވެ.

މާލެހިޔާ އާއި ސިނަމާލެ ފްލެޓުތަކުގެ ލިފްޓުތައް ސާވިސްކޮށް، މަރާމާތުކޮށް ބަލަހައްޓަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހު މައުލޫމާތު ސާފުކުރުމަށްފަހު އަގު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.

މިދިޔަ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހު ރައީސް ވަނީ މާލެހިޔާ/ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ ނުދެއްކޭ މީހުންގެ ޖޫރިމަނާ މާފުކޮށް، އެ ފަރާތްތަކަށް ފައިސާގެ އިނާޔަތެއް ދޭން ނިންމާފައެވެ.