ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، ފަލަޞްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 500،000 ރުފިޔާ ވަނީ ރޭ އިސްރާ އެސޯސިއޭޝަނާ ހަވާލުކޮށްފިއެވެ.

އަދި ‏ދަތި ޙާލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް ސޯޝަލް މިނިސްޓްރީގެ އިޖުތިމާޢީ ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 423,749 ރުފިޔާ ވަނީ ރޭ ސޯޝަލް މިނިސްޓްރީއާވެސް ވަނީ ހަވާލުކޮށްފައެވެ.

މި އަހަރު ފިޠުރު ޒަކާތް ބަލައިގަނެފައިވަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، ފަސޭހަކަމާ އެކު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި ހަތް އޮންލައިން ޕްލެޓްފޯމެއް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ ފަރާތްތަކަށް ޚާއްޞަކޮށް، ރަށްރަށުގެ ކައުންސިލުތަކުން ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ފައިސާ ޖަމާކުރުމަށް ޓަކައި ޚާއްޞަ އޮންލައިން ޕޯޓަލެއް ޒަކާތު ހައުސްއިން ތަޢާރުފުކުރި އެވެ. މާލެ ސަރަޙައްދުގައި ވެސް އިސްލާމީ މަރުކަޒުގެ ހޯލުގައި ނަގުދު ފައިސާއާއި ކޭޝް ކާޑު މެދުވެރިކޮށް ޒަކާތް ބަލައިގަނެފައިވެއެވެ. އަދި ގޮވާމުން ވެސް ޒަކާތް ބަލައިގަނެ ޒަކާތް ބަލައިގަތުމާއި ބެހުން ކުރިއަށް ގެންގޮސްފައިވެ އެވެ.

ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދުވަހުން ދުވަހަށް ވަނީ މޮނިޓަރ ކޮށްފައެވެ. އަދި މީގެ ސަބަބުން، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ހަމަހަމަކަމާ އެކު ފައިސާ ބެހުމަށް މަގުފަހިވެގެންދިޔަކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ހައްގުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. މިއީ ފިޠުރު ޢީދު ނަމާދަށް ދިއުމުގެ ކުރިން އޭގެ ޙައްޤުވެރިންނަށް ބަހަންޖެހޭ އެއްޗެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން 2ވަނަ އަހަރުއެވެ.