އ.ދ.ގެ ކޮމިޝަން އޮފް ދަ ސްޓެޓަސް އޮފް ވިމަންގެ ހަތްދިހަ އެއްވަނަ ސެޝަންގައި 2026 އިން 2030 ގެ ނިޔަލަށް އެ ކޮމިޝަންގެ މެމްބަރުކަމުގެ ދައުރު ރާއްޖެއިން ފަށައިފިއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާސް އިން ބުނީ މިއީ މި ކޮމިޝަންގެ މެމްބަރުކަން ރާއްޖެއިން އަދާކުރާ ފުރަތަމަ ފަހަރު ކަމަށެވެ.
މި ސެޝަން ފެށީ މި އަހަރުގެ މާރިޗު މަހުގެ 9 އިން 19 އަށް ނިއު ޔޯކުގައި ހުންނަ އ.ދ.ގެ މައި މަރުކަޒުގައި ބޭއްވި އެ ކޮމިޝަންގެ ހަތްދިހަ ވަނަ ސެޝަން ނިމުމާއެކުއެވެ. ހަތްދިހަވަނަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ "ހަމަހަމަ ގާނޫނީ ނިޒާމެއް ކުރިއެރުވުމާއި، ތަފާތުކުރުވަނިވި ގާނޫނުތަކާއި ނިޒާމީ ގޮންޖެހުންތައް ނައްތާލައި، އަންހެނުންނަށް އިންސާފު ހޯދުމަށް ސިޔާސަތުތަކާއި އަމަލުތައް ބައްޓަންކުރުން" މި ޝިއާރުގެ ދަށުންނެވެ.
އެ ކޮމިޝަންގެ ހަތްދިހަ ވަނަ ސެޝަންގެ ޖެނެރަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން ރާއްޖެ އިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވަނީ ގަވަނަންސް އަދި ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތްތައް، ވަކިން ހާއްސަކޮށް ޑޭޓާ އިން ބާރުލިބިދޭ ސިޔާސަތުތައް ކަނޑައަޅައި، ތަންފީޒުކޮށް، އަންހެނުންނަށް ގާނޫނުން ލިބިދޭ ރައްކާތެރިކަން ކަށަވަރުކޮށްދޭ ސަޕޯޓް ސަރވިސަސްތަކަށް އަލިއަޅުވާލާފައެވެ.
މީގެ އިތުރުން މިންތީގެ ހަމަހަމަކަން ހާސިލުކުރުމަށް ބޭނުންވާ މަލީ އެހީ ދެމެހެއްޓެނިވި ގޮތެއްގައި ހޯދިދާނެ މަގުތައް ދެނަގަތުމަށް ރާއްޖެ އާއި ޓިމޯ ލެސްޓް އާއި ބްރެޒިލް އާއި ސައުތު އެފްރިކާ އާއި ކަޒަކްސްތާން އަދި ޔޫ.އެން. ވިމަން ގުޅިގެން ބޭއްވި ގްރޫޕް އޮފް 77 އެންޑް އިމަޖިން ޕާޓްނާސް މިނިސްޓީރިއަލް ރައުންޑްޓޭބަލްގައި ޕެނަލިސްޓެއްގެ ހައިސިއްޔަތުން ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވަނީ ދެމެހެއްޓެނިވި ތަރައްގީއަށް އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަގުފަހިވާ މާލީ ނިޒާމުތަކަށް އިންވެސްޓް ކުރުން މުހިންމު ކަމުގައި ވިދާޅުވެފައެވެ.
މިންތީގެ ހަމަހަމަކަން ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައި, އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ މަންދޫބުން ވަނީ ދިވެހިރާއްޖޭގެ ވޮލަންޓަރީ ނެޝަނަލް ޕްރެސެންޓޭޝަނެއް ފުރަތަމަ ފަހަރަށް އެ ކޮމިޝަންގައި ހުށަހަޅާދެއްވާފައެވެ.
ކޮމިޝަން އޮފް ދަ ސްޓެޓަސް އޮފް ވިމަން އަކީ އ.ދ.ގެ މައި ގުނަވަނެއްކަމުގައިވާ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޮސޮކް) ގެ ގަރާރު ނަންބަރު 11 (II) އިން 1946 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގާއިމުކޮށްފައިވާ ކޮމިޝަނެކެވެ. އިކޮސޮކް ގެ ފަންކްޝަނަލް ކޮމިޝަނެއްކަމުގައިވާ މި ކޮމިޝަންގެ މަސްއޫލިއްޔަތަކީ އަންހެނުން ބާރުވެރިކުރުމާއި މިންތީގެ ހަމަހަމަކަމަން އަދި އަންހެނުންގެ ހައްގުތައް ކުރިއެރުވުމެވެ. އެގޮތުން، މި ލަނޑުދަނޑިތައް ހާސިލުކުރުމަށް މިންގަނޑުތައް ކަނޑައެޅުމަށާއި، ހޯދާފައިވާ ކުރިއެރުންތައް އިވެލުއޭޓް ކުރުމަށާއި އަންހެނުންގެ ދިރިއުޅުން އިތުރަށް ބަދަހި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ މެދު މަޝްވަރާކުރުމަށް ކޮންމެ އަހަރަކުވެސް މި ކޮމިޝަންގެ ބައްދަލުވުންތައް ބާއްވައެވެ.
ރާއްޖެ މި ކޮމިޝަންގެ މެމްބަރަކަށް އިންތިހާބުވެފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އިކޮސޮކްގައި އެކަމަށް ބޭއްވި އިންތިހާބުގައެވެ.