މާތް ﷲ ދެއްވި ނިއުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާން ނެތޭ އެއް ނިއުމަތަކީ، ވަގުތުގެ ނިއުމަތް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރުހުތުބާގައި ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އަލިއަޅުވާލައި ބުނީ އިސްލާމްދީނުގައި ވަގުތަށް ދީފައިވާ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ދުވާލާއި ރޭގަނޑުގެ މުހިންމު ވަގުތުތައް ގަންދެއްވައި މާތް ﷲ ހުވައި ވަހީކުރައްވައިފައިވުމުން އެ ކަން ވަރަށް ރަނގަޅަށް ހާމަވާކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މާތް ﷲ އެއްޗެއް ގަންދެއްވައި ބަސް ވަޙީކުރައްވާނީ އެކަނލާގެ ހަޟުރަތުގައި އޭގެ މުހިންމުކަން ބަޔާންކޮށްދެއްވުމަށް ޓަކައެވެ. މި ކަމުން އެނގި ކަށަވަރުވަނީ މާތް ﷲ ވަގުތަށް ދެއްވައިފައިވާ މަތިވެރި ދަރަޖައެވެ."

ހުކުރު ހުތުބާ

ހުތުބާގައި ބުނީ ހަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖައާކުރާން އަވަސްވެގަންނާން ޖެހޭ ކަމަށެވެ.

މާތްﷲ އަށް ނިޔަތް ހާލިސްކޮށް ކިޔަމަންތެރިވުމުގައި އަހަރެމެން ހޭދަކުރަނީ ކިހައި ވަގުތެއްތޯ ހިސާބުކުރާންޖެހެއެވެ. އީމާންކަމުގެ ރުކުންތައް ހިތުގައި ކަށަވަރުވެފައިވޭތޯއާއި އިސްލާމްކަމުގެ ރުކުންތައް އަދާކުރެވޭތޯ ކަށަވަރުކުރާންޖެހެއެވެ. އިސްލާމީ ޝަރީއަތުގެ މަގުސަދުތައް ފުރިހަމަކުރުމަށް ހަޔާތުން ހުސްކުރެވެނީ ކިހައި ވަގުތެއްތޯ ދެނެގަންނާން ޖެހެއެވެ. "

ހުކުރު ހުތުބާ

މީގެ އިތުރުން މާތް ﷲ އަށް އުރެދުމުގައި، ހަޔާތުން ހޭދަކުރެވެނީ ކިހައި ވަގުތެއްތޯ ވެސް ދެނެގަންނާން ޖެހޭ ކަން ފާހަގަކޮށް ހުތުބާގައި ބުނީ މި ދުނިޔޭގައި އިންސާނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅެއް އިންސާނާގެ ހަޔާތުން މަދުވެ އޭނާގެ އަޖަލާ ގާތްކުރުވާ ކަމަށެވެ. އަދި ގާފިލުކަމުގެ ނިދީން ހޭލައި ހެޔޮ އަމަލުކުރުމަށް ހުތުބާގައި ވަނި އިލްތިމާސް ކޮށްފައެވެ.

އަލްއިމާމުލްހަސަނުލް ބަސްރީ ރަހިމަހުﷲ ވިދާޅުވެފައިވާ މަޝްހޫރު ބަސްފުޅެއްގައިވެއެވެ. "އޭ އާދަމުގެ ދަރިޔާއެވެ! ތިބާއީ ދުވަސްތަކެކެވެ. ފާއިތުވާ ކޮންމެ ދުވަހަކީ ތިބާގެ އުމުރުން މަދުވާ ދުވަހެކެވެ."[1] ވީމާ ގާފިލުކަމުގެ ނިދީގައިވަނިކޮށް، ޙަޔާތުގެ ނިމުން އައިސް ތިބާއާ ބައްދަލުކޮށްފާނެތެވެ. އެހެންކަމުން ގާފިލުކަމުގެ ނިދީން ހޭލައި ހެޔޮ އަމަލުކުރާށެވެ! އެހެނީ ދުނިޔޭގައި އޮތީ އަމަލުކުރުމެވެ. އަދި އާހިރަތުގައި އޮތީ ހިސާބުބެއްލެވުމެވެ."

ހުކުރު ހުތުބާ

ހުތުބާގައި ބުނީ އެއްވެސް މީހަކަށް އެ މީހަކު މަރުވާނޭ ވަގުތެއް ނޭނގޭނެކަމަށާއި އެނގި ކަށަވަރުވާ ހަގީގަތަކީ ކޮންމެ ނަފުސެއްމެ މަރުގެ ރަހަ ދެކޭނޭކަން ކަމަށެވެ. އަދި ބޭކާރު ގޮތުގައި ވަގުތު ހޭދަކުރުމުގެ ސަބަބުން އިންސާނާ އިންތިހާއަށް ހިތާމަކުރާނެ ދެ ހާލަތެއް ކީރިތި ގުރްއާނުގައި ބަޔާންކުރައްވައިފައި ވާކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ބޭކާރު ގޮތުގައި ވަގުތު ހޭދަކުރުމުގެ ސަބަބުން އިންސާނާ އިންތިހާއަށް ހިތާމަކުރާނެ ދެ ހާލަތެއް ﷲ (ސ) ވަނީ، ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައެވެ. އޭގެތެރެއިން ފުރަތަމަ ހާލަތަކީ، މަރު އައިސް އިންސާނާއާ ބައްދަލުކުރާ ހާލަތެވެ. ދެވަނަ ހާލަތަކީ، ގިޤިޔާމަތްދުވަހު ﷲއަށް އުރެދުނު އިންސާނާ އެކަލާނގެ ގަދަފަދަ އަޒާބަށް ހުށަހެޅޭނޭ ހާލަތެވެ."

ހުކުރު ހުތުބާ

ހެޔޮގޮތުގައި ވަގުތު ހޭދަކުރުމަށް ހުތުބާގައި ވަނީ އިލްތިމާޒް ކޮށްފައެވެ.