ޢީދު ދުވަހަކީ اللهއަށް ޝުކުރުކޮށް، ތަކުބީރުގެ އަޑު އުފުލާންވީ ދުވަސް ކަމަށް މި އަހަރުގެ ފިޠުރު ޢީދާއީ ގުޅިގެން މިއަދު ދިން ޢީދު ޚުޠުބާގައި ބުނެފިއެވެ.

"ފިޠުރުޢީދުގެ އުފަލާއި އަދަބުތައް" މި ނަމުގައި މިއަދު ދިން ހުޠުބާގައި ބުނީ ފިޠުރު ޢީދު ދުވަހަކީ އަޅަމެންނަށް ހިދާޔަތްދެއްވިކަމަށް ޓަކައި، މާތް اللهއަށް ޝުކުރުކޮށް، އުފާފާޅުކޮށް، މާތް ﷲގެ މަތިވެރިކަން ބަޔާންކޮށް، ތަކުބީރުގެ އަޑު އުފުލާންވީ ދުވަސް ކަމަށެވެ.

އަދި މުސްލިމުންގެ ޢީދު ޒީނަތްތެރިކުރާންވީ ތަކުބީރުން ކަމަށް ހުޠުބާގައި ބުނެފައި ވެއެވެ.

"اَللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ. لَا إِلَـٰهَ إِلَّا اللهُ وَاللهُ أَكْبَرُ، اَللهُ أَكْبَرُ، وَلِلَّهِ الْـحَمْدُ." ހުތުބާގައި ބުނެފައި ވެއެވެ.

މާތް الله އަޅަމެންނަށް ދެއްވައިފައިވާ ގިނަގުނަ ނިޢުމަތްތަކުގެ މަތީން ހަނދުމަކޮށް އެ ކަލާނގެ އަޅަމެންނަށް ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމްދީން ކަމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

"މި ދީންމަތީގައި ސާބިތުވެ ތިބުމަށް ތިޔަ އެންމެތަކުންނަށް ނަސޭހަތްތެރިވެ ވަޞިއްޔަތްކުރަމެވެ. ރޯދައިގެ އަޅުކަން އަދާކުރެވުނީތީއާއި މާތް الله ތިޔަބައިމީހުން އިސްލާމްދީނުގެ މަތިވެރި ނިޢުމަތުގައި ލެހެއްޓެވިކަމަށް ޓަކައި، ގިނަގިނައިން އެކަލާނގެ ހަނދުމަކޮށް ތަކުބީރުކިޔާށެވެ! اَللهُ أَكْبَرُ، اللهُ أَكْبَرُ، اَللهُ أَكْبَرُ. لَا إِلَـٰهَ إِلَّا اللهُ وَاللهُ أَكْبَرُ اَللهُ أَكْبَرُ، وَلِلَّهِ الْـحَمْدُ. " ހުތުބާގައި ވެއެވެ.

ހުތުބާގައި ބުނީ މުސްލިމުންގެ ޢީދުން ފެންނަނީ، އެބައިމީހުންގެ އެއްބައިވަންތަކަން ކަމަށާއި ކުޑަކުދީންނާއި ބޮޑެތިމީހުންނާއި، އަންހެނުންނާއި، ފިރިހެނުންގެ މެދުގައިވާ ގުޅުން ކަމަށެވެ.

ފަޤީރުންނާއި މުއްސަނދީންގެ މެދުގައިވާ ރަޙުމަތްތެރިކަން ކަމަށާއި މާތް اللهއަށް ޙަމްދުކޮށް، ސަނާދަންނަވައި، އެކަލާނގެ މަތިވެރިކޮށް، ތަކުބީރުކިޔާ މަންޒަރު ކަމަށެވެ.

ހުތުބާގައި ބުނީ މުސްލިމުން ޙަސަދަވެރިކަމާއި ބައިބައިވުމާ ދުރުހެލިވެ، އެކުވެރިވުމަށް މިއަދު ގޮވައިލާ ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް، އަނެކާގެ ޙައްޤުތައް އަދާކޮށް މުސްލިމުން ފުރަތަމަ އަދާކުރާންވީ މާތް اللهގެ ހައްޤުތަށް ކަމަށެވެ.

އެއީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މާތް اللهގެ ހައްޤުތަކަށް ފަހު، މައިންބަފައިންގެ ޙައްޤުތައް އަދާކުރުމަށް ﷲ ވަނީ އަމުރުކުރައްވާފައެވެ.

ދެން އޮތީ ރަޙިމުގެ ގުޅުންތައް ދެމެހެއްޓުން ކަމަށާއި އެ ގުޅުންތައް ދަމަހައްޓާންވީ ގޮތް ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

"ރަޙިމުގެ ގުޅުން ދަމަހައްޓާ މީހާއީ، އޭނާއަށް ދޭ އެއްޗަކަށް ބަދަލުދޭ މީހާއެއް ނޫނެވެ. އެކަމަކު އެ ގުޅުން ދަމަހައްޓާ މީހާއީ އޭނާގެ ރަޙިމުގެ ގުޅުން ކެނޑޭ ހިނދު، އެ ގުޅުން ދަމަހައްޓާމީހާއެވެ." ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ ޢީދު ދުވަހު މޫނުމަތީން ވެސް އުފާވެރިކަން ފާޅުކޮށް ލޯތްބާއި ކުލުނާއި އަޚުވަންތަކަމުގެ ޝުޢޫރުތަކުން ހަދިޔާ ބަދަލުކޮށް ރޯދައިގެ އަޅުކަން އަދާކުރެވުނުކަމަށްޓަކައި ޝުކުރުކޮށް، ދީލަތިވުމުގެ ދުވަސް ކަމަށެވެ.

އިސްލާމީ ޢީދުތައް ފެށެނީ، އިޖުތިމާޢީ ބޮޑު ބައްދަލުވުމަކުން ކަމަށާއި މާތް اللهއަށް ޝުކުރުދެންނެވުމަށްޓަކައި ކުރާ، ޢީދުނަމާދުން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ޢީދުގެ ކުރީން މުއްސަނދީން ފިޠުރުޒަކާތް ނެރެ، ފަޤީރުންނާއި މިސްކީނުން، މި އުފަލުގައި ބައިވެރިވާން މަގުފަހިކޮށްދޭ ކަމަށާއި ޢީދު ނަމާދުގެ ކުރީން ފިޠުރު ޒަކާތް ނެރުމަށް އަންގަވައިފައި ވަނީ، މި ސަބަބަށް ޓަކައި ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ހުތުބާގައި ވަނީ ޢީދުގެ އުފާ ފާޅުކުރުމުގައި ޝަރުޢީ މިންގަނޑުގައި ހިފަހައްޓާން ހަނދާންކޮށްދީ އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް އަހަރެމެންގެ ޢީދުތަކުގައި ޖާގަނުދޭން ގޮވާލާފައެވެ.