މާލެ ސަރަޙައްދުގައި ޢީދު ދުވަހާއި ގުޅިގެން މާދަމާ ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ދޭނެ ވަގުތުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން އާންމުކޮށްފިއެވެ.
އެ ކުންފުނިން ވަނީ މާލެ ސަރަޙައްދުގައި ބަހުގެ ޚިދުމަތާއި ފެރީގެ ޚިދުމަތްދޭނެ ވަގުތު އާންމުކޮށްފައެވެ.
އެގޮތުން މާލެ ސަރަޙައްދުގައި މާދަމާ ބަހުގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:00 ޖަހާއިރު ކަމަށާއި ހުޅުމާލެ ދެފިޔަވައްސާއި މާލެއިން އެއަޕޯޓަށް ކުރާ ބަސްދަތުރުތައް ފަށާނީ ފަތިހު 5:30 އިން ފެށިގެން 6:35 އާ ހަމައަށް ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
އަދި މާލެއިން އެއަރޕޯޓަށް ކުރާ ބަސްދަތުރު ފަށާނީ ހެނދުނު 6:40 ގައި ކަމަށާއި ވިލިމާލޭގައި ބަހުގެ ޚިދުމަތް ހެނދު 6:00 އިން 8:00 އަށް މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށްވެސް އެމްޓީސީސީން ހާމަކުރެއެވެ.
އެމްޓީސީސީން ބުނީ އީދު ދުވަހާ ގުޅިގެން މާލެއިން ވިލިމާލެއަށް ކުރާ ފެރީ ދަތުރުތަކުގެ ތެރެއިން ޢީދު ނަމާދުގެ ކުރިން އެންމެ ފަހު ފެރީ އޮންނާނީ ހެނދުނު 6:30 ގައި ކަމަށާއި ޢީދުނަމާދަށް ފަހު 8:00 ހާއިރު ދަތުރުތައް ފަށާނެކަމަށެވެ.
އެމްޓީސީސީން ބުނީ ޢީދު ދުވަހު މާލެއާއި ތިލަފުއްޓާ ދެމެދު ދަތުރުތައް ފަށާނީ ހެނދުނު 8:30ގެ ފަހުން ކަމަށެވެ.
އަދި ޢީދު ދުވަހާ ގުޅިގެން އާދިއްތަ ދުވަހަކީ ބަންދު ދުވަހަކަށް ވާތީ ހުޅުމީދޫ، ފޭދޫ އަދި ފުވައްމުލައް ރޫޓުގެ ކާގޯ ފެރީ ދަތުރުތައްވެސް ކެންސަލްކޮށްފައިވާ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މީގެ އިތުރުން މާލެއިން ހުޅުމާލެއަށް ކުރާ ފެރީ ދަތުރުތައް ފަށާނީ މެންދުރު 14:00ގައި ކަމަށާއި އަންނަ ހޯމަ ދުވަހުން ފެށިގެން ހެންވޭރު ފެރީޓާމިނަލްއިން ލަފާ ފުރާ އަތޮޅު ފެރީތައް މާފަންނު ފެރީ ޓާމިނަލްއާއި ހުޅުމާލެ ފެރީޓާމިނަލް މެދުވެރިކޮށް ލަފާ ފުރާ ގޮތަށް ބަދަލުގެނެސްފައި ކަމަށްވެސް އެމްޓީސީސީން ހާމަކުރެއެވެ.