ޢީދުގެ އުފަލަކީ ﷲއަށް ޙަމްދުކޮށް، ހިތްތަކަށް ހަމަޖެހުން ހޯދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ބަރަކާތްތެރި ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ޚިޠާބުގައެވެ.

ރައީސްގެ ހިޠާބުގައި ވަނީ ޢީދުގެ އުފާ ބައްދަލުކުރާ މި ދަނޑިވަޅުގައި، މުސްލިމުންނަށް ބާރުވެރިކަމާއި ޤަދަރުވެރިކަމާއި ހައިބަތަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

ފިޠުރު ޢީދު މި އަހަރު މި ބައްދަލުކުރަނީ، އިސްލާމީ އުންމަތް ނުތަނަވަސްކަމެއްގެ ތެރޭގައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ، ފަލަސްޠީނާއި، މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމުން ތަހައްމަލުކުރަމުންދާ ހުރިހައި ވޭނެއްގައި ދިވެހީން ބައިވެރިވާކަން ހާމަކުރައްވާފައެވެ. އަދި އެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަމާންކަމާއި ރައްކާތެރިކަމަށް އެދިވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޢީދުގެ އުފަލަކީ، މާތް ﷲއަށް ޙަމްދުކޮށް، އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ، އެކަކު އަނެކަކުގެ މައްޗަށް ހިތްހެޔޮކޮށް، ފަރުދީ ގޮތުންނާއި ޖަމަޢީ ގޮތުން ހިތްތަކަށް ހަމަޖެހުން ހޯދައި މުޖުތަމަޢުގައި އީމާންކަމާއި ލޮބުވެތިކަން އާލާކުރުންކަން، އެމަނިކުފާނުގެ ޚިޠާބުގައި ހަނދާންކޮށްދެއްވާފައިވެއެވެ. އަދި، އީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާ އިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމުކަންވެސް ރައީސް ހަނދާންކޮށްދެއްވިއެވެ.

މީގެ އިތުރުން، ވަކިވެގެންދާ ރަމަޟާން މަދަރުސާގެ ފިލާވަޅުތައް ހަނދާންކޮށް، ރަނގަޅު ބަސްބުނެ، ރަނގަޅު ޢަމަލުތައްކޮށް، ކެތްތެރިކަން އިސްކޮށް، އެއްބައިވަންތަކަމުގައި ދެމިތިބުމަށް ރައީސް ހިތްވަރުދެއްވިއެވެ.

އަދި ހަ ރޯދައިގެ ދުވަސްތައް މެދުވެރިކޮށް، ހެޔޮ އަމަލުތަކުގެ މަތީގައި ދެމިތިބެން އިސްލާމްދީން ގޮވާލާ ނިޒާމަށް އިޝާރާތްކުރައްވައި، އަޅުކަމާއި އަޅުވެރިކަން މަތީ ދެމިތިބުމަށް ރައީސް ނަސޭޙަތްތެރިވެ ވަޑައިގެންނެވިއެވެ.

ރައީސްގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ، އިސްލާމީ އުންމަތަށް ނަޞްރާއި ރައްކާތެރިކަން ދެއްވައި، ދިވެހި ޤައުމަށް ހެވާއި ލާބަ މިންވަރުކުރައްވައި، ކުރިއަށް އޮތް އަހަރަކީ ބާއްޖަވެރި، އަމާން، ތިޔާގި އަހަރެއްކަމުގައި ލެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވަމުންނެވެ.

މީގެ އިތުރުން ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޢީދު ހަދަންވާނީ، ކާބަފައި ޒަމާނުއްސުރެ ޢީދާ ގުޅިފައިވާ ރީތި އާދަތައް ދިރުވައި އާލާކޮށް ދިވެހިންގެ އަމިއްލަވަންތަކަމާއި އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށްކަމުގައި ވިދާޅުވެފައެވެ. މި މުނާސަބަތާ ގުޅިގެން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ، އެކްސްގައި ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ.