އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އަމަލުތައް ހުރީ މިނިވަން އިންތިހާބަކަށް ފަހިވާ ބީދައިން ނޫންކަމަށް އެމްޑީޕީގެ ކެމްޕެއިން ތަރުޖަމާން ޢަބްދުالله ވަޙީދު ވިދާޅުވެއްޖެއެވެ.

ވަހީދު މިފަދައިން ވިދާޅުވީ، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ އޮތް ކަންބޮޑުވުން ފާޅުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ވަހީދު ވިދާޅުވީ، އިލެކްޝަން ކޮމިޝަނުގެ އަމަލުތައް ހުރިގޮތުން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބާއި ގައުމީ އިންތިހާބުގައި ރައްޔިތުންނަށް ގޮތް ނިންމަން އުނދަގޫވެފައިވާކަމަށެވެ.

އެގޮތުން އިންތިހާބުގައި ރައްޔިތުންނަށް ވޯޓުލުމަށް އޮތް ފުރުސަތުތައް ހަނިކޮށްފައިވާ ކަމަށާއި، ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް މިފަހަރު އިންތިހާބުގައި ވޯޓުލުމުގެ ހައްގު ގެއްލިފައިވާކަމަށް ވަހީދު ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ފެށުނީއްސުރެ މަސައްކަތްކުރަމުންދިޔައީ ވޯޓުލުމަށް އޮތް ފުރުސަތު ހަނިކުރަން ކަމަށް ފާހަގަ ކުރައްވައި ވަހީދު ވަނީ، ލޯކަލް ކައުންސިލް އިންތިހާބާއި، އަދި ގައުމީ އިންތިހާބެއް އޮތްއިރު، މިކަމުގައި ވޯޓުލެވޭ އާބާދީގެ އެންމެންގެ ބައިވެރިވުމާއެކު ގޮތް ނިންމާނީ ކިހިނެތްތޯ ސުވާލު އުފައްދަވާފައެވެ.

" އަދިވެސް އިލެކްޝަން ކޮމިޝަނަށް ދަންނަވާލަން އޮތީ މި ހިނގާ ސަރުކާރުގެ ނުފޫޒަށް ތަބާ ވެގެން ތިބޭފުޅުން މި އިންތިހާބު މިނިވަން އިންތިހާބަކަށް ނުވާނެ ގޮތަށް ކަންކަން ބައްޓަން ނުކުރުމަށް "

އެމްޑީޕީގެ ކެމްޕެއިން ތަރުޖަމާން ޢަބްދުالله ވަޙީދު

ރާއްޖޭގެ ގިނަ ރައްޔިތުން ގޮތްނިންމުމުގައި ބައިވެރިވާންޖެހޭ އިންތިހާބެއް އޮތް ކަން ފާހަގަ ކުރައްވައި ވަހީދު އިތުރަށް ވިދާޅުވީ، އެ އިންތިހާބުގައި ބައިވެރިނުވެވޭ ގޮތަށް، ހާއްސަކޮށް ލަންކާ އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅެމުންދާ ދިވެހިންނަށް ވޯޓު ނުލެވޭގޮތަށް އިންތިހާބު ތަރުތީބުވެގެން ދިއުމަކީ އިންސާފުވެރިކަމާއެކުގައި އިންތިހާބު ކުރިއަށް ނުދާނެކަމުގެ ހެތްކެއް ކަމަށެވެ.