އޮޕަރޭޝަން އަލިމަގުގެ ދަށުން ޑްރަގާ އެކު ވަކިވަކިން ހައްޔަރު ކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އޮޕަރޭޝަން އަލިމަގުގެ ދަށުން ބައި ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ލައްކައަކަށް ވުރެ ގިނަ ރުފިޔާ އާ އެކު މިދިޔަ ފެބުރުއަރީ މަހު ހައްޔަރު ކުރީ ލ. ހިތަދޫ / ހަފުލާ، އުމުރުން 21 އަހަރުގެ ޢަލީ މުފާވިޒެވެ.

އަދި އޮޕަރޭޝަން އަލިމަގުގެ ދަށުން ބައި ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި ދެވަނަ މީހަކީ، ހުޅުމާލޭގައި ހުންނަ ސިފައިންގެ ފްލެޓުން ހައްޔަރު ކުރި، ހުޅުމާލެ ސިފްކޯހިޔާ 0801 ބީ، މާލެ، އުމުރުން 22 އަހަރުގެ އިބްރާހީމް ޢަމްރު ތައުފީގެވެ.

މުވާފިޒުގެ ބަންދަށް އެންމެ ފަހުން ކޯޓުން ޖެހީ 30 ދުވަހެވެ. ފުލުހުން ބުނީ އޭނާއަކީ، ގޭންގު ކްރައިމް ސަޕްރެޝަންއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހެއް ކަމަށެވެ.

އަދި މުފާވިޒު ހައްޔަރުކޮށް، މާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 614 ގުރާމްގެ ތަކެއްޗާއި 125،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން އިބްރާހީމް ޢަމްރު ތައުފީގުގެ

ބަންދަށް އެންމެ ފަހުން ޖެހީ 20 ދުވަހެވެ. އަދި އޭނާ ފުރަތަމަ ޖަނަވަރީ މަހުގެ ތެރޭގައި ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ކުރިންވަނީ ބުނެފައެވެ.

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 500 ގުރާމްގެ ތަކެތި ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.