މޯލްޑިވްސް ޒަކާތު ހައުސްއިން، 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް ބަހައި ނިންމައިފި އެވެ.

ޒަކާތު ހައުސްއިން ބުނީ ޒަކާތް ލިބުމަށް ޝަރުޠު ހަމަވާ މީހުންނަށް ފިޠުރު ޒަކާތް ބަހައިފައިވާ އިރު، ބޮލަކަށް ޖެހިފައިވަނީ 6,000 ރުފިޔާކަމަށެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހަމަހަމަކޮށް ފިޠުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިޠުރު ޒަކާތް ބެހި ފަހަރު ކަމަށް ޒަކާތު ހައުސިން އިން ބުނެއެވެ.

ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ޙައްޤުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަޤީރު ޔަތީމު ކުދިން ވެސް ހިމެނެއެވެ.

މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މިހައި ތަނަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، މިއީ މިހައި ތަނަށް ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރެވެ. މީގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅައިފައިވަނީ ޖުމުލަ 13،896،000 ދިވެހި ރުފިޔާ އެވެ.

މި އަހަރު ފިޠުރު ޒަކާތް ބަލައިގަނެފައިވަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، ފަސޭހަކަމާ އެކު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި ހަތް އޮންލައިން ޕްލެޓްފޯމެއް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ ފަރާތްތަކަށް ޚާއްޞަކޮށް، ރަށްރަށުގެ ކައުންސިލުތަކުން ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ފައިސާ ޖަމާކުރުމަށް ޓަކައި ޚާއްޞަ އޮންލައިން ޕޯޓަލެއް ޒަކާތު ހައުސްއިން ތަޢާރުފުކުރި އެވެ. މާލެ ސަރަޙައްދުގައި ވެސް އިސްލާމީ މަރުކަޒުގެ ހޯލުގައި ނަގުދު ފައިސާއާއި ކޭޝް ކާޑު މެދުވެރިކޮށް ޒަކާތް ބަލައިގަނެފައިވެއެވެ. އަދި ގޮވާމުން ވެސް ޒަކާތް ބަލައިގަނެ ޒަކާތް ބަލައިގަތުމާއި ބެހުން ކުރިއަށް ގެންގޮސްފައިވެ އެވެ.

ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދުވަހުން ދުވަހަށް ވަނީ މޮނިޓަރ ކޮށްފައެވެ. އަދި މީގެ ސަބަބުން، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ހަމަހަމަކަމާ އެކު ފައިސާ ބެހުމަށް މަގުފަހިވެގެންދިޔަކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ހައްގުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. މިއީ ފިޠުރު ޢީދު ނަމާދަށް ދިއުމުގެ ކުރިން އޭގެ ޙައްޤުވެރިންނަށް ބަހަންޖެހޭ އެއްޗެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން 2ވަނަ އަހަރުއެވެ.