މި ސަރުކާރުން އޮތީ އައްޑޫސިޓީ ވީރާނާވާން ދޫކޮށްލާފައިކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އައްޑޫސިޓީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، އައްޑޫސިޓީއަކީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ތަރައްޤީގެ އެއްވެސް މަޝްރޫއެއް ހިންގާފައިވާ ސިޓީއެއް ނޫން ކަމަށާއި، އައްޑޫސިޓީ އޮތީ ވީރާނާވާން ދޫކޮށްލާފައި ކަމަށެވެ.
މީގެ އިތުރުން އައްޑޫސިޓީއަށް ދިރުމެއް ގެނައުމަށް މަސައްކަތްކުރާ ހަމައެކަނި ބަޔަކީ ކައުންސިލުގައި ތިބި އެމްޑީޕީގެ މެމްބަރުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުހައްމަދު މުއިއްޒު މުޅިންވެސް އުޅުއްވަނީ މާލެ ސަރަހައްދުގެ ޑޯޓުޑޯ ހަރަކާތްތަކުގައި ކަމަށާއި، އެކަމުން ލިބިދޭ މެސެޖު ވަރަށް ސާފު ކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، އެކަމުން ހާމަވެގެން ދަނީ ރަށްރަށުގެ ތަރައްގީ ރައީސް އަދި މި ސަރުކާރަށް މުހިއްމު ނޫން މިންވަރުކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މި ސަރުކާރު އައިފަހުން ބިންގާގެ މާނަވެސް ބަދަލުވެފައިވާކަމަށެވެ.
އެމްޑީޕީން ވައުދު ފުއްދާނެ ކަމުގެ ޔަގީންކަން ދެއްވާ ޝާހިދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް އައްޑޫސިޓީގެ ތަރައްގީއަށް ވަކާލާތު ކޮށްދޭނެކަމަށެވެ.