ކުރީ އަހަރުތަކޭ އެއްގޮތަށް މިއަހަރުވެސް މާލޭގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ.
އެގޮތުން، ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ މާފަންނު ސްޓޭޑިއަމް ސަރަހައްދު، ވިލިމާލެ ފުޓުބޯޅަ ދަނޑު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސްޖިދު ހަސަން އާދަމްއާ އިންވެގެން އޮންނަ ހުސްބިން ނިރޮޅުމަގާއި، ހީނާމާ ހިނގުމާއި، ފޭރުގަސް މަގާއި، ދުބުރި ގަސްމަގާއި އެއް އިންކޮށް އޮންނަ ސަރަހައްދު ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.
ބޮޑު ޖަމާއަތުގައި މާލެ ސަރަހައްދުގެ 4 ތަނެއްގައި ފިތުރު އީދު ނަމާދު ކުރުމަށް ނިންމާފައިވާއިރު، މާލޭ ސަރަހައްދުގެ 25 މިސްކިތެއްގައިވެސް އީދު ނަމާދު ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، މޫސުން ގޯސްވުމުގެ ސަބަބުން މި ސަރަހައްދުތަކުގައި ނަމާދު ކުރެވޭ ފަދަ ހާލަތެއް ނެތްނަމަ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް އީދު ނަމާދު ކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން އީދު ނަމާދުގެ ބޮޑު ޖަމާއަތާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ނިންމާފައެވެ. އެ ބަދަލުތައް ގެނައުމަށް ހަމަގައްސާފައިވަނީ އިސްލާމީ މަރުކަޒު، ސަލްމާން މިސްކިތް އަދި މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަހައްދުތަކަށް ކަމަށާއި މިއީ އީދު ނަމާދަށް އެއްވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ ޕާކުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހުރި އުޅަނދުތައް، އީދުވިލޭރޭގެ 15:00 ގެ ކުރިން އެ ސަރަހައްދުތަކުން ނެގުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއީ އީދު ނަމާދުގެ އިންތިޒާމުތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި އެޅި ފިޔަވަޅެއް ކަން ފާހަގަކޮށް ފުލުހުން ވަނީ މި އިންތިޒާމުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.
ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދައަށްފަހު، މުސްލިމުންނާ ބައްދަލުކުރާ ފިތުރު އީދަކީ ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ނުހަނު މަތިވެރި އަހައްމިއްޔަތުކަމެއް ދެވިފައިވާ ދުވަހެކެވެ. މިއީ މާތްﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވުމާއި، އާއިލީ ގުޅުންތައް ބަދަހިކޮށް، މުޖުތަމައުގެ އެކަކު އަނެކަކަށް ހެޔޮއެދުމާއި އުފާވެރިކަން ފާޅުކުރާ މުނާސަބަތެކެވެ.
މުޅި އިސްލާމީ އުންމަތް އެއްބައިވަންތަކަމާއި އުފާވެރިކަން ފާޅުކުރާ ފިތުރު އީދު، އާންމު ބަހުރުވައިންނަމަ ކުޑަ އީދުގެ އެންމެ މުހިންމު އެއް ރުކުނަކީ އީދު ނަމާދޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އިސްލާމީ އެހެނިހެން ދައުލަތްތަކުގައި އީދު ނަމާދުގެ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ކުރެވެމުންދާއިރު ރާއްޖޭގައިވެސް ކޮންމެ އީދަކާ ދިމާކޮށް ވަރަށް ކުލަގަދަކޮށް އީދު ނަމާދުގެ ކަންކަން އިންތިޒާމު ކުރެވެއެވެ.
ފަހަކަށް އައިސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި އީދު ނަމާދު ކުރަމުން އަންނަނީ ހުސްބިންތަކުގައި ބޮޑު ޖަމާއަތުގައެވެ. "ބޮޑު ޖަމާއަތް" މިގޮތަށް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ވީހާވެސް ގިނަ ރައްޔިތުން އެއްތަނަކަށް ޖަމާވެ، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމެވެ. މީގެ ސަބަބުން ކުދިބޮޑު އެންމެން އެއް ސަފެއްގައި ތިބެ ނަމާދުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
ރާއްޖޭގައި އީދު ނަމާދު ކުރަނީ ހެނދުނު 7:00ގައެވެ.
ކުރިން 7:30ގައި އީދު ނަމާދު ކުރި ނަމަވެސް މި ގަޑި ބަދަލުކުރީ، އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވާތީއެވެ. އަދި މިހާރަކަށް އައިސް ރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި އީދު ނަމާދު ކުރަމުން ގެންދާތީއާއި، އީދު ނަމާދުގެ ޖަމާއަތަށް ހާޟިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައްވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އެފަރާތްތަކަށް އުފުލަން ޖެހޭތީކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.