މިއަދުން ފެށިގެން އޮސްޓްރޭލިއާއާއި ރާއްޖެއާއި ދެމެދު ވައިގެ ސީދާ ދަތުރުތައް ބޭއްވޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހއްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ގާއިމުކޮށް ފަސޭހަކުރުމަށްޓަކައި ސޮއިކުރެވުނު އެއްބަސްވުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ މިއަދުން ފެށިގެން އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު އެއާލައިންތަކުން ދަތުރުތައް ހިންގުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، އަދި ވިޔަފާރީގެ ދާއިރާއިން އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އަދި އޮސްޓްރޭލިއާއާއި ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ އިދާރާތަކުން މި ސޮއިކުރި އެމްއޯޔޫއަކީ ދެ ގައުމުގެ ދެމެދުގައިވާ "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" އިތުރަށް ކުރިއެރުވުމަށް އެޅުނު ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސްއެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗާ، ޓްރާންސްޕޯޓް، ރީޖަނަލް ޑިވެލޮޕްމަންޓް، ކޮމިއުނިކޭޝަންސް، ސްޕޯޓް އެންޑް ދި އާޓްސްގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ އިންޓަނޭޝަނަލް އޭވިއޭޝަން ޖިމް ވޯލްފްއެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ބުނީ، މި އެއްބަސްވުމަކީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ގުޅުން ވަރުގަދަކުރުމަށް ދެ ގައުމުން ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގެ ލުއިފަސޭހަ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ވައިގެ މަގުންނާއި ކަނޑު މަގުން ގުޅާލުމުގެ މުހިންމު ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިއަދު މިވަނީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ފުޅާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.