އިންތިޚާބާ ބެހޭ މަރުކަޒާ އިންވެގެން ހުރި ގުދަނެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އަންނަ މަހު ބާއްވާ އިންތިހާބުތަކުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.

ރޭ އަލިފާން ރޯވީ ފުލޫނިޔާމަގުން، މ. ކައިރުގޭގައި، ގަސްކާނާ އާއި ކެމިކަލް ރައްކާކޮށްފައި ހުރި ޕްރައިމް ގޯޑައުންގަ އެވެ. އަލިފާނުގެ ހާދިސާގައި މުޅި އެ ގުދަން އަނދާ އަޅިއަަށް ވެފައި ވާއިރު، އެ އިމާރާތާއި ޖެހިގެން ހުރީ އިލެކްޝަސް ކޮމިޝަންގެ އިންތިހާބީ މަރުކަޒެވެ.

މި ހާދިސާ ހިނގާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ރިފަރެންޑަމް ވޯޓުގެ ތައްޔާރީތައް އެންމެ ފޯރީގައި ކުރިއަށްދިޔަ ވަގުތެއްގައެވެ.

މި ހާދިސާއާ ގުޅިގެން އިންތިޚާބު ބާއްވާ ތާރީޚަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަޤީންކަން ރައީސް ޒާހިދު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

ޒާހިދު ވިދާޅުވީ އިންތިހާބީ މަރުކަޒަށް އަލުން ވަނުމުގެ ހުއްދަ އެމްއެންޑީއެފްގެ ފަރާތުން ލިބެންދެން، އީސީގެ ހުރިހާ މަސައްކަތްތައް ދެން ކުރާނީ ސޯޝަލް ސެންޓަރުގައި ކަމަށާ މިވަގުތު ކުރަމުން އަންނަ އެންމެ މުހިންމު މަސައްކަތަކީ ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ވެސް މިއަދުން ފެށިގެން ތާވަލުކުރެވިފައިވާ ވަގުތުތަކުގައި ސޯޝަލް ސެންޓަރުގައި ހިނގަމުންދާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.