އިސްލާމީ ދާއިރާއިން 14 ރަށެއްގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ ބާޔާނެއްގައި ބުނީ މި އެއްބަސްވުންތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކެކެވެ. އަދި މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރަސްމިއްޔާތެއް ބާއްވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ސޮއިކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި، ގދ. ގައްދޫ، ސ. މަރަދޫ، ކ. މާފުށި، އދ. މާމިގިލި، މ. މުލަކުގައި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާށް ކަމަށާއި ދ. ކުޑަހުވަދޫއާއި ތ. ވޭމަންޑޫގައި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ އައްޔަބޭ ޕާޓްނާސްއާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ލ. ފޮނަދޫގައި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ގާއިމްކުރުމަށް ވައިޓް ލިންކު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާއިރު، ނ. މަނަދޫ، ރ. ދުވާފަރު، ނ. ވެލިދޫގައި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކަން ފާހަގަކޮށް އެ ކުންފުންޏަށް ގއ. މާމެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއި ށ. ފީވަކުގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމަށްވެސް ހަވާލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ބ. އޭދަފުށީގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް އެސް.އޭ.އެސް.އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާކަމަށްވެސް ބުނެއެވެ.

މިހާރުވެސް 90 އަށްވުރެ ގިނަ މަޝްރޫއުތަކެއް އިސްލާމީ ދާއިރާއިން ކުރިއަށްދާއިރު، އޭގެ ތެރޭގައި ވަގްފު އިމާރާތްތަކާއި، އިސްލާމީ މަރުކަޒުތަކާއި، ގުރުއާނާއި ބެހޭ މަރުކަޒުގެ ގޮފިތައް ހިމެނެއެވެ. ރައީސްގެ ޒައާމަތުގައި މި ދާއިރާއިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަންނަނީ ހާއްސަ ސަމާލުކަމެއް ދެމުންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.