މާލެ، މާފަންނު، ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން، 454 މީހުން އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާކަމަށާ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް މޯލްޑިވްސް، އެންޑީއެމްއޭ އިން ބުނެފިއެވެ.

ރޭ އަލިފާން ރޯވީ ފުލޫނިޔާމަގުން، މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުންގަ އެވެ. އެއީ ގަސްކާނާ އާއި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެކެވެ. އަލިފާނުގެ ހާދިސާގައި މުޅި އެ ގުދަން ވަނީ އަނދާ އަޅިއަަށް ވެފައެވެ.

އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި އެންޑީއެމްއޭ އިން ބުނީ ރޭގެ 2:30 އާއި ހަމައަށް ޖުމްލަ 15 ގެއަކުން 454 މީހުން އިވަކުއޭޓް ކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 69 އަންހެނުންނާއި 385 ފިރިހެނުން ކަމަށެވެ. އަދި އޭގެތެރޭގައި 302 ބިދޭސީ މަސައްކަތްތެރިން ހިމެނޭ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

އެންޑީއެމްއޭ އިން ބުނީ ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10 ގެއެއްގެ 77 މީހަކަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވާކަމަށާއި 280 ބިދޭސީއަކު އެމީހުންގެ ވެރިފަރާތުންވަނީ ހަވާލުވެފައި ކަމަށެވެ. އަދި 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށާއި، ބައެއް އާއިލާތަކުން ވަގުތީ ގޮތުން އާއިލީ ގޭގެއަށް ބަދަލުވެފައިވާކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

މީގެ އިތުރުން މި 15 ގެވެސް ހުސްކުރަން ޖެހުނީ ބޯދުމުގެ ސަބަބުން ކަމަށާއި މި ހާދިސާގެ އަސަރުކޮށްގެން 7 ފަރާތަކަށް ހޮސްޕިޓަލުން ފަރުވާދީފައިވާކަން ފާހަގަކޮށް އެންޑީއެމްއޭ އިން ބުނީ މި ހުރިހާ ފަރާތެއްގެވެސް ހާލު ސްޓޭބަލް ކަމަށެވެ.

ރޭ މ. ތައިބާ މިސްކިތް ކައިރީގައި ހުރި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ އޮތޯރިޓީގެ ފަރާތުން ސޯޝަލް ސެންޓަރުގައި ގާއިމްކޮށްފައިވާ އިވޭކިއުއޭޝަން ސެންޓަރު މިހާރު ބަންދުކޮށްފައިވާކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތެއް ހުރިނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 115 އަށް ގުޅުމަށް އެ އޮތޯރިޓީ އިން ވަނީ އިލްތިމާސްކޮށްފައެވެ.