މެއި މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ރަސްމީކޮށް ފަސްކޮށްފިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ) އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީކުރިން މެއި މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި ހަރަކާތް ދެން އޮންނާނީ އޯގަސްޓް 17 އިން 20 އަށް، ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކަމަށެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ މި ބަދަލާ ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ނިންމުމަށް އިވެންޓް އިންތިޒާމުކުރާ ފަރާތް ކަމަށްވާ "އާރް.އެކްސް" އާއެކު ސީދާ މަސައްކަތް ކުރަމުންދާކަމަށެވެ.
މި ބަދަލުގެ ސަބަބުން ރާއްޖޭގެ ސްޓޭންޑުގައި ބައިވެރިވާ އެއްވެސް ކޯ-އެގްޒިބިޓަރަކަށް ދަތިކަމެއް ކުރިމަތިނުވާނެކަމުގެ ފުރިހަމަ ޔަގީންކަންދީ ވިޒިޓް މޯލްޑިވްސްއިން ބުނީ ރަޖިސްޓްރީވެފައިވާ ހުރިހާ ބައިވެރިންގެ ޖާގަތަކާއި، ބްރޭންޑިންގްގެ ކަންކަން އެއްވެސް އުނިކަމެއް ނެތި އޯގަސްޓް މަހުގެ އައު ތާރީހުތަކަށް ބަދަލުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން އޭޓީއެމްގެ 33 ވަނަ އެޑިޝަން ފަސްކުރުމަށް އިންތިޒާމުކުރާ ފަރާތްތަކުން ނިންމީ ކަސްޓަމަރުންނާއި، ޕާޓްނަރުން އަދި މުވައްޒަފުންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ގޮތުން ކަމަށާއި، އޯގަސްޓް މަހަށް މި ހަރަކާތް ބަދަލުކުރުމުގެ މަގްސަދަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު އިތުބާރާއި ލުއިފަސޭހަކަމާއެކު މި މުހިންމު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު މަގުފަހިކޮށްދިނުންކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
އަރަބިއަން ޓްރެވަލް މާކެޓްގެ އެގްޒިބިޝަން ޑައިރެކްޓަރު އެމް.އީ، ޑެނިއަލް ކާޓިސް ވިދާޅުވީ، އަރަބިއަން ޓްރެވަލް މާކެޓަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތައް ދުބާއީގައި އެއްތަންކޮށްދޭ މުހިންމު މަންސައެއް ކަމަށެވެ. އަދި އޭޓީއެމް 2026 އޯގަސްޓް މަހަށް ފަސްކުރުމަށް ނިންމި ނިންމުމަކީ މި މުހިންމު ހަރަކާތުގައި ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ކަށަވަރުކޮށްދިނުމަށްޓަކައި ވެފައިވާ އިލްތިޒާމުގެ ދަށުން ނިންމި ނިންމުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ މަންޒިލްތަކާއި، އެއާލައިންތަކާއި، އަދި ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތައް ގުޅުވައިދޭ މަރުކަޒެއްގެ ގޮތުގައި އޭޓީއެމް ހިމެނެނީ ރާއްޖޭގެ މާކެޓިންގް ސްޓްރެޓެޖީގެ މުހިންމު ތަނބެއްގެ ގޮތުގައެވެ.
އޯގަސްޓް މަހުގެ މި ތާރީހަކީ ފިނި މޫސުމުގެ ޕީކް ސީޒަނާ ދިމާކޮށް، މެދުއިރުމަތީގެ މާކެޓާއި ބައިނަލްއަގުވާމީ ޕާޓްނަރުންނާ ގުޅުން ބަދަހިކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ދެކޭކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. އަދި މި ބަދަލުތަކުގެ ތެރޭގައި ހުރިހާ ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވިޒިޓް މޯލްޑިވްސްގެ ޓީމު ދެމިއޮންނާނެ ކަމަށާއި، މި އަހަރުގެ ފަހުކޮޅު ދުބާއީގައި ބޭއްވޭ މި ހަރަކާތަކީ ކާމިޔާބު ހަރަކާތަކަށް ހެދުމަށް ބޭނުންވާ އެންމެހައި މައުލޫމާތުތައް ހިއްސާކުރަމުންދާނެ ކަމުގެ ޔަގީންކަން ވިޒިޓް މޯލްޑިވްސްއިން ވަނީ ދީފައެވެ.