އެމެރިކާއާއި ސަހްޔޫނީ ދައުލަތުން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ގައިރުގާނޫނީ ހަނގުރާމައިގެ ސަބަބުން ސްކެންޑިނޭވިއާ ސަރަހައްދުގެ އެންމެ ބޮޑު އެއާލައިން ކަމުގައިވާ އެސްއޭއެސްއިން އިން ކުރިއަށް އޮތް އޭޕްރިލް މަހު ބޭއްވުމަށް ހަމަޖައްސާފއިވާ 1،000 ފްލައިޓް ކެންސަލް ކުރުމަށް ނުވަތަ ހުއްޓައިލުމަށް ނިންމާފިއެވެ.
އެސްއޭއެސްގެ ސީއީއޯ އަންކީ ވޮން ޑޭ ވެއަރފް ވިދާޅުވީ، ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި މަތިންދާބޯޓަށް އަޅާ ތެލުގެ އަގު ދެގުނައަށް އުފުލިފައިވާ ކަމުގައެވެ. އަދި މިއީ ވައިގެ އުދުހުންތަކުގެ މުޅި ސިނާއަތަށް ކުރިމަތިވި ބޮޑު ޝޮކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މާރިޗު މަހުގެ ތެރޭގައި އެތަކެއް ސަތޭކަ އުދުހުންތަކެއް ކެންސަލް ކުރަން އެސްއޭއެސްއަަށް މަޖުބޫރުވި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވަމުންދާ މި ބޮޑު ނިކަމެތިކަމުގެ އަސްލު ކުށްވެރިންނަކީ، ހަމަޖެހުން ނަގައިލައި ހަނގުރާމަ އިސްކުރި އެމެރިކާއާއި ސަހްޔޫނީންނެވެ. އީރާނުގެ ސިޔާދަތަށް އަރައިގަނެ، އެމެރިކާއާއި ޔަހޫދީން ފެށި މި ހަނގުރާމަ ތިންވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާއިރު، އީރާނުން ދަނީ އަމިއްލަ ދިފާއުގައި ދުޝްމަނުންނަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދެމުންނެވެ.
ހަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީ ދައުލަތުގެ ރަށްތަކާއި، ގަލްފް އަރަބި ގައުމުތަކުގައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަސްލަހަތުތަކަށެވެ. އީރާނުން ވަނީ، ދުނިޔޭގެ ތެލާއި ގޭހުގެ %20 އުފުލާ ހުރްމުޒް ކަނޑުއޮޅި ވެސް ބަންދުކޮށްފައެވެ.
އެއީ، އެމެރިކާއާއި ޔަހޫދީންގެ، އަދި އެ ޤައުމުތަކާ ގުޅުން އޮތް ކުންފުނިތަކުގެ އާގުބޯޓުފަހަރަށެވެ. މި ހާލަތާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގައި އެހީތެރިވުމަށް މަނަވަރުތައް ފޮނުވައިދިނުމަށް އެދި ހުޅަނގުގެ ދިފާއީ އިއްތިހާދުގެ (ނޭޓޯ) ކިބައިން އާދޭސް ދަންނަވާފައެވެ.
ނަމަވެސް، އެ އިއްތިހާދުގެ މެންބަރުން ވަނީ އެމެރިކާގެ ހަނގުރާމައިގައި ބައިވެރިވުމަށް އިންކާރު ކޮށްފައެވެ. އަދި، ވައިޓް ހައުސްގެ ޖައްބާރު ސިޔާސަތުތަކަށް ފުރަގަސްދީފައެވެ.
ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާއި އޭނާގެ އެންމެ ބޮޑު މަދަދުގާރު، ޓްރަމްޕެވެ. އެސްއޭއެސްއިން މިހާރު ވެސް ވަނީ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ޓިކެޓްގެ އަގުތައް އުފުލައި، އެ ކަމުގެ ބުރަ ޢާންމު ދަތުރުވެރިންގެ ބޮލުގައި އަޅުވާފައެވެ. މި ޙާލަތުން އަރައިގަނެވޭނެ އެއްވެސް އަލިމަގެއް ފެންނަން ނެތްއިރު، މި އުވާނުގެ ސަބަބުން ހުޅަނގުގެ އިޤުތިޞާދީ މުއައްސަސާތައް އިނދަޖެހެން ފަށާފައިވާ ކަމުގައި މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.