ކޮންޓްރެކްޓަރުންނަށް ލުއިތަކެއް ދީ، ހުޅުމާލޭ ފޭސް 3ގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އަލުން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން މިދިޔަ މަހުގެ 24ގައި ކުރި އިއުލާނުގެ އާރުއެފްޕީއަށް ބައެއް އިސްލާހުތައް ގެނެސް އަލުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވަނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ، %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ކުރިމަތިލެވޭ މި މަޝްރޫއު ކުރިއަށް ގެންދާނީ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލްގެ ދަށުންކަމަށެވެ. މީގެ ކުރިން އާރުއެފްޕީގައި ހިމަނާފައިވާ އެންޑް ޔޫޒަރުންނަށް ނުވަތަ ގަންނަ މީހުންނަށް ޑިވެލޮޕަރު އިންޝުއަރެންސް ފޯރުކޮށްދޭން ޖެހޭ ގޮތަށް އޮތް ބައިތައް ވަނީ އުނިކޮށްފަ އެވެ.

މީގެ އިތުރުން، މަޝްރޫއުގެ ކޮންސްޓްރަކްޝަން ހަރަދުގެ ގޮތުގައި ހޭދަވާނެ ކަމަށް ލަފާކުރާ އަދަދު ބަޔާންކޮށް މާލީ އިދާއާރަކުން ދޫކުރާ ލެޓާ އޮފް ކޮމްފޯޓު ހުށަހަޅަން ޖެހޭ ގޮތަށް ވަނީ އިސްލާހުކޮށްފަ އެވެ. މީގެ ކުރިން ވަނީ މަޝްރޫއުގެ ކޮންސްޓްރަކްޝަނަށް ހޭދަވާ އަގުގެ %100 މަސައްކަތް ކުރާ ކުންފުނިން ކަވަރު ކުރާނެ ކަމުގެ ޕްރޫފް އޮފް ފަންޑް ހުށަހަޅަން ޖެހޭ ގޮތަށެވެ.

ހައުސިން ޔުނިޓްއިން ފޭސް ތިނެއްގެ ފަސް ޕްލޮޓެއްގައި ކޮންމެ ޕްލޮޓެއްގައި 200 ހައުސިން ޔުނިޓު އަޅާނެ ކަމަށެވެ. ހައުސިން ޔުނިޓު އަޅަން ބިން ދޫކުރާނީ އެއްވެސް އަގެއް ނުނަގައި ކަމަށާއި ޔުނިޓުތައް ވިއްކާނީ މިނިސްޓްރީން ކަނޑައަޅާ ބަޔަކަށް، އެ ކުންފުންޏަކުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން 3 ކޮޓަރި އަދި 2 ކޮޓަރިގެ ޔުނިޓުތައް އަޅާނެ ކަމަށާއި ތިން ކޮޓަރީގެ އެޕާޓްމަންޓު ވިއްކޭނެ އެންމެ ބޮޑު އަގަކީ 2.3 މިލިއަން ރުފިޔާ އަދި ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ އެންމެ ބޮޑު އަގަކީ 1.8 މިލިއަން ރުފިޔާއެވެ. ޕްލޮޓު ހަވާލުކުރާ ތާރީހުން ފެށިގެން 30 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ޔުނިޓު ގަންނަ މީހުންނާ ހަވާލުކުރަން ޖެހޭނެ ކަން ވެސް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ ގޮތުން މި މަހު 22ގެ ނިޔަލަށް މައުލޫމާތު ސާފުކުރެވޭނެ އެވެ. އާރުއެފްޕީއަށް ގެނައި އިސްލާހުތަކާ އެކު މި މަޝްރޫއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 31 އެވެ. މައުލޫމާތު ސާފުކޮށް، ޕްރޮޕޯސަލް ފޮނުވާނީ އީމެއިލް މެދުވެރިކޮށް proposal@infrastructure.gov.mv އަށެވެ.