ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަމުންދާ ތިން އެއާލައިނަކުން އިތުރު ދަތުރުތަކެެއް ރާއްޖެއަށް ކުރުމަށް ނިންމާފައިވާކަން އިއުލާންކޮށްފިއެވެ.
މެދުއިރުމަތީގެ ޓްރާންސިޓް މަގުތަކުގެ ބަދަލުގައި އެހެން ގޮތްތައް ދަތުރުވެރިން ހޯދަމުންދާތީ، ކޮމާޝަލް އެއާލައިންތަކުން ދަނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަމުންނެވެ. އެގޮތުން ސްވިޓްޒަލެންޑުގެ އެޑެލްވިއެސް އެއާއިން އެޕްރީލް އަދި މެއި މަހު ޒިއުރިކާއި މާލެއާ ދެމެދު ކުރާ ދަތުރުތައް ހަތަރު ފްލައިޓުން ފަސް ފްލައިޓަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މިއީ މެދުއިރުމަތީގެ މަގުތަކުގެ ބަދަލުގައި ސީދާ ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންގެ ޑިމާންޑަށް ބަލައި ނިންމާފައިވާ ނިންމުމެއް ކަމަށް އެ އެއާރަލައިނުން ވަނީ ބުނެފައެވެ.
އެޑެލްވިއެސް އެއާއިން ރާއްޖެއަށް އިތުރު ދަތުރުތަކެއް ކުރުމަށް ނިންމާފައިވާއިރު، އެއާ އިންޑިއާއިންވެސް ވަނީ އެ އެއާލައިންގެ ބައިނަލްއަގުވާމީ އޮޕަރޭޝަންތައް ވަގުތީގޮތުން ފުޅާކުރުމަށް ނިންމާފައެވެ. އެގޮތުން ރާއްޖެ ހިމެނޭހެން 9 މަންޒިލަކަށް އިތުރު 78 ފްލައިޓް ބޭއްވުމަށް ނިންމާފައިވާކަމަށް އެއާ އިންޑިއާއިން ވަނީ އިއުލާންކޮށްފައެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފެބުރުވަރީ 28 އިން މާޗު 14 ގެ ނިޔަލަށް ޖުމްލަ 128 ޕްރައިވެޓް ޖެޓް ރާއްޖެއަށް ޖައްސާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 70 ޖެޓާ އަޅާބަލާއިރު 166 އިންސައްތައިގެ އިތުރުވުމެކެވެ. މިއީ މަތީ ފަންތީގެ ފަތުރުވެރިން ސީދާ ރާއްޖެއަށް ދަތުރުކުރުމަށް އިސްކަންދޭ މިންވަރު އިތުރުވެފައިވާކަން ހާމަކޮށްދޭ އަދަދެއް ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.
ރާއްޖެއަށް ވައިގެ މަގުން އައުމަށް ހުރި ތަފާތު ގޮތްތަކާއި، ޕްރައިވެޓް އޭވިއޭޝަނަށް ހާއްސަކޮށްފައިވާ އިންފްރާސްޓްރަކްޗަރގެ ސަބަބުން، ދުނިޔޭގެ ދަތުރުފަތުރުގެ އޮއިވަރަށް ބަދަލު އައި ނަމަވެސް ރާއްޖެއަކީ ފަސޭހައިން އާދެވޭ މަންޒިލެއްގެ ގޮތުގައި ދެމިއޮވެއެވެ. ވިޔަފާރި ދަތުރުތައް ފުޅާވުމާއި ޕްރައިވެޓް ޖެޓްތަކުގެ ދަތުރުތައް އިތުރުވުމާއެކު، ދަތުރުފަތުރުގެ މުހިންމު ސަރަހައްދުތަކަށް ބުރޫއަރާފައިވީ ނަމަވެސް، ރާއްޖެއަކީ ލަގްޒަރީ އަދި އާންމު ފަތުރުވެރިންނަށްވެސް ފަސޭހައިން އާދެވޭ، ސާބިތުކަންމަތީ ދެމިއޮތް މަތީ ފަންތީގެ މަންޒިލެއްކަން ދަނީ ސާބިތުކޮށްދެމުންނެވެ.