އިންޑިއާގެ ދެ ތެޔޮ ޓޭންކަރު، ރައްކާތެރިކަމާއެކުގައި ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) އުފުލާ އިންޑިއާގެ ދިދަ ޖެހި ދެ ތެޔޮ ޓޭންކަރު ރައްކާތެރިކަމާއެކުގައި ހޮރްމޫޒް ކަނޑުއޮޅި ހުރަސް ކުރި ކަމަށް އިންޑިއާގެ ޝިޕިން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.

ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގައި އުފައްދާ ތެލުގެ ބޮޑު ބައެއް އެ ސަރަހައްދުން ބޭރުކުރާ މައި މަގެވެ.

ހޯމުޒް ކަނޑުއޮޅިއަކީ މެދުއިރުމަތިން ދުނިޔޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދޭ އެންމެ މުހިންމު އެއް ކަނޑުއޮޅިއެވެ.

އަދި އެ ކަނޑުއޮޅީގެ ބާރު އީރާނުން ގެންގުޅޭއިރު، އެތަން ބަންދުކޮށްފައިވަނީ އެމެރިކާއާއި ގުޅިގެން އިސްރާއީލުން އެ ގައުމަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެންނެވެ.

އެގޮތުން އިންޑިއާގެ ދެ ތެޔޮ ޓޭންކަރު ގާތްގަނޑަކަށް އެއްކޮށް ބަންދުކޮށްފައިވާ ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައި ވަނީ އިންޑިއާ އާއި އީރާނާ ދެމެދު ކުރި މަޝްވަރާތަކަށް ފަހުގައެވެ.

އެ ދެ އުޅަނދު "ޝިވާލިކް" އާއި "ނަންދާ ދޭވީ" ރައްކާތެރިކަމާއެކު ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައި އިންޑިއާއަށް ދަތުރުކުރަމުން އަންނަ ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް ޕޯޓްސް، ޝިޕިން އެންޑް ވޯޓާވޭޒްގެ ސްޕެޝަލް ސެކްރެޓަރީ ރާޖޭޝް ކުމާރު ސިންހާ އާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މިގޮތުން ގާތްގަނޑަކަށް 92،700 މެޓްރިކް ޓަނުގެ އެލްޕީޖީ ހިފައިގެން ދަތުރުކުރާ އެ ދެ އުޅަނދު ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އިންޑިއާއަށް ފޯރާނެ ކަމަށްވެސް ސެކްރެޓަރީ ރާޖޭޝް ކުމާރު ސިންހާ އާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.

އިންޑިއާގެ ދެ ތެޔޮ ޓޭންކަރު ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައި ވާއިރު ހަމަނުޖެހުމުގެ ސަބަބުން ތެޔޮ ފޯރުކޮށްދިނުމަށް ހުރަސްއެޅި އޭޝިޔާ ސަރަހައްދުގެ ބައެއް ގައުމުތަކުގައި ހަކަތައިގެ އަގުތައް ބޮޑުތަނުން ވަނީ އުފުލިފައެވެ.