ސަރބިއާގެ ބެލްގްރޭޑުގައި އަންނަ އަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބެލްގްރޭޑް އެކްސްޕޯގައި ބައިވެރިވުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ބެލްގްރޭޑުގައި ބޭއްވި ދެވަނަ އަހަރީ ޕްލޭނިން ބައްދަލުވުމުގެ ތެރެއިން ބެލްގްރޭޑް އެކްސްޕޯ 2027ގައި ބައިވެރިވުމުގެ އެއްބަސްވުމުގައި ވީއެމްސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު އިބްރާހިމް ޝިއުރީއެވެ.
"ޕްލޭ ފޯ ހިއުމަނިޓީ: ސްޕޯޓް އެންޑް މިއުޒިކް ފޯ އޯލް" މި ޝިއާރުގެ ދަށުން ބާއްވާ ބެލްގްރޭޑް އެކްސްޕޯ 2027 ކުރިއަށްދާނީ އަންނަ އަހަރުގެ 15 މެއި އިން 15 އޮގަސްޓަށް ބެލްގްރޭޑްގައެވެ.
ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ، އެކްސްޕޯގެ ތައްޔާރީތައް ކުރިއަށްދަނީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކަމަށެވެ. މި އެކްސްޕޯއާއެކު އުފެދިގެންދާނެ ގުޅުންތަކުގެ ސަބަބުން ފަތުރުވެރިކަމާއި، ސަގާފަތާއި، ދެމެހެއްޓެނިވި ތަރައްގީ އަދި ގައުމީ އަމިއްލަވަންތަކަން އެއް މަންސައަކުން ދުނިޔެއަށް ދައްކާލުމަށް ފަސޭހަވެގެންދާނެކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ.
މި ހަރަކާތުގައި 120 އަށްވުރެ ގިނަ ގައުމުން ބައިވެރިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ހަތަރު މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށްވެސް ލަފާކުރެއެވެ.
މި އެއްބަސްވުމާއެކު، އެކްސްޕޯގެ އިބްތިދާއީ ޕްލޭނިންގް މަރުހަލާ ނިމި، އަމަލީ ތައްޔާރީތަކުގެ ދެވަނަ މަރުހަލާ ފަށާފައިވާކަމަށް ވީއެމްސީން މައުލޫމާތު ދެއެވެ.
މީގެ ކުރިން ބޭއްވުނު ބައިނަލްއަގުވާމީ މަޝްވަރާތަކަށް ބިނާކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިއެރުމާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކާއި، ސަގާފަތާއި އަމިއްލަވަންތަކަން ދައްކާލުމަށް ތައްޔާރީތައް ފަށާފައިވާކަމަށްވެސް ވީއެމްސީން ހާމަކުރެއެވެ.
ހަމައެހެންމެ މި އެކްސްޕޯއަކީ ބޯލްކަން ސަރަހައްދާއި ވިލާތުގެ މާކެޓުތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް ލިބޭ ފުރުސަތެއްކަމަށްވެސް ވީއެމްސީން ހާމަކުރެއެވެ.
މީގެ އިތުރުން ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ކަނޑުފަޅުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް ދުނިޔެއަށް ދައްކާލުމުގެ މަގުވެސް މި އެކްސްޕޯގެ ސަބަބުން ފަހިވެގެންދާނެ ކަމަށް ވީއެމްސީން ހާމަކުރެއެވެ.