މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމުން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ނަޝީދު މިގޮތަށް ގޮވާލައްވާފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެމަނިކުފާނު ހަނދާންވާ ގޮތުގައި އެސްޓީއޯ އަދި ޕްރައިވެޓް ސެކްޓާ ހިމެނޭހެން ރާއްޖޭގައި ރައްކާކުރެވެނީ 70 މިލިއަން ލީޓަރުގެ ޑީސަލާއި 25 މިލިއަން ލީޓަރުގެ ޕެޓްރޯލް ކަމަށެވެ.

އަދި އެއީ 20 ދުވަހުގެ ސްޓޮކް ކަމަށާއި އެހެންކަމުން ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން މި ވަގުތު އަޅަން ފެންނަ ހާއްސަ ފިޔަވަޅުތަކެއް އެމަނިކުފާނު ވަނީ ހިއްސާ ކުރައްވާފައެވެ.

އެ މަނިކުފާނުގެ ޕޯސްޓުގައި އަޅަން ފެންނަކަމަށް ލަފާކޮށްފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޕްރައިވެޓް ސެކްޓާގެ ފިއުލް ސްޓޯރޭޖް ކެޕޭސިޓީ ދެނެގަތުމާއި ކަރަންޓު ކަނޑާ ގަޑި ކަނޑައެޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން ކޮންޓްރޯލް ކުރުމެވެ. އަދި އޮފީސްތަކާއި ސްކޫލްތައް ހުޅުވާ ވަގުތު މަދުކުރުމާއި އިޖުތިމާއީ ހަރަކާތްތައް މަދުކުރުުމާއި މަސްވެރިކަމާއި ރިސޯޓުތަކަށް ތެޔޮ ކަށަވަރުކޮށް އޭވިއޭޝަން ފިއުލް ކަށަވަރުކުރުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ނަޝީދު ވަނީ ހުޅަނގު އޭޝިއާ ހުރަސްކުރަން ނުޖެހޭ މަތިންދާބޯޓު އަދި ކަނޑުބޯޓުފަހަރުގެ ރޫޓްތައް ހޯދައި ސަޕްލައި ލައިން ބަދަލުކުރަން ގޮވާލައްވާފައެވެ.

ރާއްޖެއިން ތެލަށް ޖެހިދާނެތީ އަޅަންފެންނަ ފިޔަވަޅުތައް ކުރީގެ ރައީސް ނަޝީދު ހިއްސާކުރައްވާފައި ވާއިރު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

ހަމައެއާއެކު ރާއްޖޭގައި ވެސް ވަނީ ތެލުގެ އަގު ވަރަށް ބޮޑުތަނުން އުފުލިފައެވެ. ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ތެލުގެ ވިޔަފާރިން ލިބޭފައިދާ ކުޑަކޮށްފައި ނަމަވެސް ރާއްޖޭގައި ތެލުގެ އަގު ކޮންޓްރޯލު ކުރާނެ ކަމަށެވެ.