ބ. ކުޑަރިކިލުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ސޯލާ-ޑީސަލް ބެޓެރި ހައިބްރިޑް ޕަވަރ ސިސްޓަމް ޤާއިމްކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން ބ. ކުޑަރިކިލުގައި 350.9 ކިލޯވޮޓުގެ ސޯލާ ޕީވީ ސިސްޓަމާއި، 300 ކިލޯވޮޓުގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް އިންސްޓޯލުކޮށް ނިމިފައިވާ ކަމަށެވެ. މިއާއެކު ކުޑަރިކިލުގައި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

މިމަޝްރޫޢުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 165,189 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އަހަރަކު ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 405 ޓަނުގެ ކާބަންޑައި އޮކްސައިޑް މަދުކުރެވޭނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަވެ، ރާއްޖޭގައި ބޭރު ފައިސާ ހިފެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. މިއީ، ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަށާއި، އިޤްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. 'އެސްޕަޔަރ' އަދި 'އެރައިޒް' މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތް ފެށުމަށް މިހާރުވެސް ވަނީ ތައްޔާރުވެފައެވެ.