ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަކޮށް ގައުމީ މަސްލަހަތު އިސްކުރަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ މިހާރު ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ ދަތިކަމަށް އިޝާރަތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފައިސަލް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ ދަތިކަމާއެކު، މި ދަނޑިވަޅަކީ ޤައުމާއި ރައްޔިތުންގެ މަސްލަޙަތު އިސްކުރަން ޖެހޭ ވަގުތު ކަމަށެވެ.
އަދި ކުރިމަތީގައި އޮތީ ކިހާ ދަތި ދުވަސް ތަކެއްކަން ދެނެގަންނަން ވެސް އުނދަގޫ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
މިހާރު ވެސް ދުނިޔޭގެ ގިނަ ޤައުމުތަކުން ގެންދަނީ ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަމުން ކަމަށާއި ރާއްޖެއަކީ އަސާސީ ތަކެއްޗަށް މުޅިން އެހެން ޤައުމު ތަކަށް ބަރޯސާވެފައި އޮންނަ ޤައުމެއް ކަމަށްވާތީ ތެލާއި، ގޭހާއި، ކާބޯ ތަކެތި އަދި ބޭސް މެދު ކެނޑުމެއް ނެތި ރައްޔިތުންނަށް ލިބޭނެ ގޮތް ޔަޤީން ކުރެވިފައި އޮންނަން ވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
މީގެ ކުރިން ރާއްޖޭން ވަނީ ކޮވިޑު-19 ގެ ދަތި ދުވަސްތަކާ ކުރިމަތިލައި، އެ ދުވަސްތަކުން ގިނަ ތަޖުރިބާތަކެއް ކޮށްފައި ކަމަށާއި އެ ދުވަހުގެ ދަތި އަދި ނާޒުކު ޙާލަތުން އަރައި ގަނެވުނީ، ޚަރަދު ކުޑަ ކުރުމަށް އެޅި ހަރުދަނާ ފިޔަވަޅު ތަކާ އެކު، ރައްޔިތުންގެ ހިތްވަރުން ކަމަށް ފައިސަލްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ހަނގުރާމައާއި ގުޅިގެން ފަތުރުވެރިންގެ އަދަދު ދަށްވަމުންދާއިރު، ކުރިއަށް އޮތީ ޔޫރަޕުގެ ހޫނު މޫސުން ކަމަށްވެފައި، މި ދުވަސްވަރަކީ ފަތުރުވެރި ކަމުގެ އާމްދަނީ ދަށް ވާނެ ދުވަސް ވަރެއް ކަމަށެވެ.
ހަމައެކަނި ފަތުރުވެރިން އަދި ފްލައިޓުތައް އިތުރު ވާނެކަމުގެ އުންމީދުގައި ނުތިބެ، ދައުލަތަށް ލިބޭ އާމްދަނީ އިން ދެކޮޅު ޖެއްސޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން އިތުރު ކުރަމުންދާ ވަޒީފާ ތަކާއި، އަދި އެހެނިހެން ބޭކާރު ޚަރަދުތައް އެއްކޮށް ހުއްޓާލައި، އިންތިޚާބު ކުރިއަށް ގެންދާއިރު ވީހާ ވެސް ޚަރަދު ކުޑަކޮށް ގެންދެވޭނެ ގޮތް ތަކެއް ހޯދަން ޖެހޭ ކަމަށްވެސް ފައިސަލްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މި ޙާލަތުގައި ޤައުމީ މަސްލަޙަތު އިސްކޮށް، ޞައްޙަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަ ކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ކުރެއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.