ވޭތުވެދިޔަ ދުވަސްތަކާއި އަޅާބަލާއިރު މިހާރު ރާއްޖޭގެ ވައި ސާފުވަމުން އަންނަކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ވައިގެ ސާފުމިން ބަލާ "އައިކިއު އެއާ" އިން ދައްކާ ގޮތުން މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގެ ވައިގެ ސާފުކަން ހުރީ އާދައިގެ ވަރަކަށެވެ.

އެގޮތުން ރާއްޖޭގެ އުތުރުގެ ވައިގެ ސާފުމިން ހުރީ 60 ގައެވެ. އަދި މާލެ ސަރަހައްދުގައި ވައިގެ ސާފުމިން 55 ގައި ހުރިއިރު، އެންމެ ދެކުނުން އައްޑޫ ސިޓީ ސަރަހައްދުގައި ވައިގެ ސާފުމިން ހުރީ 33 ގައެވެ.

އެހެން ކަމުން ރާއްޖޭގެ ވައިގެ ސާފުމިން ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅުވަމުން އަންނަކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން ކުރިއަށް އޮތް ތިން ދުވަހަށް ބަލާއިރު، ވައި ސާފުވާނެކަމަށް ދައްކާކަމަށް ވެސްއެ އިދާރާއިން ވަނީ ބުނެފައެވެ.

ޑިސެމްބަރު މަހުން ފެށިގެން ރާއްޖޭގެ ވައި ނުރައްކާ މިންވަރަކަށް، ވަނީ ނުސާފުވެފައެވެ. އެހެންކަމުން އެޗްޕީއޭއިން އޭރު ވަނީ، ބޭރަށް ނިކުންނައިރު، ސަލާމަތީ ފިވަޅުތައް އެޅުމަށްވެސް އިލްތިމާސްކޮށްފައެވެ.