މި އަހަރުގެ ފުރަތަމަ ދެ މަސްދުވަހު އެއާޕޯޓް ޑިޕާޗަރ ޓެކުހުގެ ގޮތުގައި 300 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ދެ މަސްދުވަހު ޑިޕާޗަރ ޓެކުހުގެ ގޮތުގައި 331.4 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު 280.5 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު %18 އިތުރު އަދަދެކެވެ.

ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައި އިތުރު ވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން މިިި އަހަރުގެ ފުރަތަމަ ދެ މަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 317.7 މިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 279.3 މިލިޔަން ރުފިޔާއެވެ. މިއީ %13.7 އިތުރު އަދަދެކެވެ.

މިއާއެކު، އެއާޕޯޓް ޑިވެލޮޕްމަންޓް ޕީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ދެ މަހު ދައުލަތަށް 649.1 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 559.8 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %15.9 އިތުރު އަދަދެކެވެ.

ޑިޕާޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ. އަދި މި ފީ ނަގަން ފަށާފައިވަނީ 2017ވަނަ އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.