އަންނަ މަހު ބާއްވާ 3 އިންތިހާބަށް ބޭނުންވާ ވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ޒާހިދު ވިދާޅުވީ، އެޕްރީލް 4 ވަނަ ދުވަހު ނަގާ 3 ވޯޓަށް އިދާރީގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް އެކޮމިޝަނުން ވަރަށް ބާރަށް ކުރަމުން އަންނަކަމަށެވެ. އަންނަ މަހު ބާއްވާ އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ޒާހިދު ފާހަގަކުރެއްވިއެވެ.

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭއެވެ. އިންތިޚާބުގައި 3 ވޯޓެއް ވޯޓުލުމަށް ޖުމްލަ 588 ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށްވެސް އެކޮމިޝަނުން ވަނީ ނިންމާފައެވެ.

ޒާހިދު ވިދާޅުވީ ވޯޓު ކަރުދާސް ޗާޕުކުރުމުގެ ފުރަތަމަ މަރުހަލާގައި ކަރުދާސް ޗާޕުކޮށް، ކޮމިޝަންގެ ފަރާތުން ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި ޗެކް ކުރަމުންދާކަމަށެވެ.

ޒާހިދު ވިދާޅުވީ ވޯޓުލާ ދުވަސް އައުމުގެ ކުރިން ވޯޓު ފޮށިތަކާއި ކަރުދާސްތައް އަދި އިދާރީގޮތުން ފޮނުވަން ޖެހޭ ތަކެތިވެސް ފޮނުވާ ނިމޭނެކަމަށެވެ. މިމަސައްކަތް ކުރުމަށްޓަކައި މިހާރު ތާވަލް ކުރެވިފައިވާކަަށް ޒާހިދު ވިދާޅުވިއެވެ.