މިއަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު ފެބުރުވަރީ މަހު ގައިން ގަޔަށް އަރާ ބަލިތައް ފެތުރުނު މިންވަރު ދަށްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭއިން) އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އާންމުކޮށް ރިޕޯޓްކުރެވޭ ގައިން ގަޔަށް އަރާ ބަލިތައް ރިޕޯޓް ކުރެވުނު އަދަދު ވަނީ ދަށްވެފައެވެ.

އެޗް.ޕީ.އޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ގައިން ގަޔަށް އަރާ ބަލިތަކުގެ ތެރެއިން ފެބުރުވަރީ މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އަރިދަފުސް ރޯގާއެވެ.

ވަކިވަކި އަތޮޅުތަކަށް ބަލާއިރު ވައިރަލް ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އއ. އަތޮޅުންނެވެ. އެއަތޮޅުން ވައިރަލް ހުމުގެ 935 ކޭސް މިދިޔަ މަހު ރިޕޯޓުކޮށްފައިވެއެވެ.

އަރިދަފުސް ރޯގާއަށް ބަލާއިރު މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އދ. އަތޮޅުންނެވެ. އެއަތޮޅުން އެކަނިވެސް އަރިދަފުސް ރޯގާގެ ގޮތުގައި 1382 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

މިދިޔަ މަހު، ގައިން ގަޔަށް އަރާ ބަލިތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ބޭރަށް ހިންގުމުގެ ކޭސްތަކެވެ.

ފެބުރުވަރީމަހު ބޭރަށް ހިންގުމުގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކ. އަތޮޅުންނެވެ. އެގޮތުން މި ބަލީގެ 402 ކޭސް ކ. އަތޮޅުން ވަނީ ރިޕޯޓުކޮށްފައެވެ

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުވަރީމަހު ޑެންޑީހުން ޖެހިގެންވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކ. އަތޮޅުންނެވެ. ކ. އަތޮޅުން ޑެންގީހުމުގެ 55 ކޭސް މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ.

މިއަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު، މިދިޔަމަހު އަރިދަފުސް ރޯގާޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ދަށްވިނަމަވެސް ކޮވިޑް އަދި އިންފްލުއެންޒާ ފަދަ ރޯގާތަކުންނާއި މަދިރީގެ ޒަަރިއްޔާއިން ފެތުރޭ ބަލިތަކަށް ސަމާލުވެ، ދުރާލާ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.