ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު، އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި އޮބްޒާވްކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީ އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ވިހާވެސް ގިނަ މީހުންނަށް އޮބްޒާވްކުރުމުގެ ފުރުސަތު ދިނުމަށް މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިންތިހާބު އޮބްޒާވްކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށެވެ.
އިތުރު މުއްދަތެއް ދިނުމަށް ނިންމާފައިވަނީ އެކަމަށް އެދި ސިޔާސީ ޕާޓީތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާތީ ކަން ފާހަގަކޮށް އީސީ އިން ބުނީ މާރިޗު 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން މާރިޗު 15 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 12:00 އަށް އިތުރު މުއްދަތެއް ދިނުމަށް ނިންމާފއިވާ ކަަމަށެވެ.
މި އިންތިހާބުގައި އޮބްޒާވަރުގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ my.elections.gov.mv ޕޯޓަލް މެދުވެރިކޮށެވެ. ސިޔާސީ ޕާޓީތަކުން އޮބްޒާވަރުން ހުށަހަޅާނީ ޕާޓީތަކަށް ހާއްސަކޮށްފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށެވެ.
މީގެ އިތުރުން އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސުލޫކީ މިންގަނޑަށް އިޤުރާރުވާންޖެހެނީވެސް އިލެކްޝަންސްގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ.
ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ޖަމާއަތަކަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމްއިއްޔާއަކަށް، އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ އަދަދަށްވުރެ ދިހައެއް އިންސައްތަ އިތުރުނުވާ ގޮތަށް ކަމަށް އީސީ އިން ބުނެއެވެ. އަދި ވޯޓުލާ މަރުކަޒުގައި ކޮންމެ ޙައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ 1 އޮބްޒާވަރަށް ކަމަށްވެސް އީސީ އިން ބުނެއެވެ.
އޮބްޒާވަރުންގެ ގޮތުގައި ހަމަޖެހޭ ފަރާތްތަކަށް އެކަން އެސްއެމްއެސް މެދުވެރިކޮށް އަދި ޕޯޓަލްއިން އަންގާނެއެވެ. އަދި އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފާސްވެސް ޕޯޓަލް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާނެ ކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ.
މި އިންތިހާބުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ. މި ތިން އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ މިހުންނަށް އެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ފެބުރުވަރީ މަހުގެ 9ވަނަ ދުވަހުއެވެ.
އަންނަ މަހު ބާއްވާ އިންތިހާބުގައި ގިނަ އަދަދެއްގެ ފޮށި ބަހައްޓާއިރު އޮބްޒާވަރަކަށް ވުމަށާއި މޮނީޓަރަކަށް ވުމަށް ގިނަ އަދަދެއް ބަޔަކު ހުށަހަޅާފައިވާ ކަމަށް އެކޮމިޝަނުން ބުނެއެވެ. އެގޮތުން، އިންތިހާބު މޮނިޓަރުކުރުމަށް އެދި 3,091 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށާއި، މިހާތަނަށް އޮބްޒާވަރުންނަށް ވުމަށް 1،400އަށްވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.