އަހަރުގެ މިހާތަނަށް ޖުމްލަ 9 ކޫރޫޒްލައިނާއަކުން 14،996 ފަތުރުވެރިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށްފިއެވެ.

މިއަހަރުގެ މިހާތަނައް 9 ކްރޫޒްލައިނާ ރާއްޖެއަށް އައިސްފައިވީ އިރު، ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިނާތަކުގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. އަދި ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒްލައިނާތައް އާދެއެވެ.

ކްރޫޒްލައިނާތަކުގެ މެދުގައި ރާއްޖޭގެ މަގްބޫލުކަން ބޮޑުވެފައިވާއިރު ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒްލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްގީކުރުމަށް ކަމަށާއި މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ސަރުކާރުން ވަނީ ހާމަކޮފައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ އެކި ސަރަހައްދުތަކަށް ކްރޫޒްލައިނާތައް ބަނދަރުކުރެއެވެ. މި ފަރާތްތަކަށް އިމިގްރޭޝަން ކްލިއަރެންސްގެ ކަންކަން، އިމިގްރޭޝަންގެ ސީޕޯޓް ޑިވިރަންގެ އޮފިސަރުން އަބަދުވެސް ކުރަމުން ގެންދެއެވެ. އަދި ރާއްޖެއަށް މިހާތަނައް އައިސްފައިވާ ކްރޫޒްލައިނާތައް އައިސްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ކްރޫޒްލައިނާތަކުން އައިސްފައިވާ ފަތުރުވެރިންގެ އަދަދުތަކަށް ބަލާލާއިރު، ޖަނަވަރީ 12 ގައި 970 ފަތުރުވެރިން، ޖަނަވަރީ 23 ގައި 1037 ފަތުރުވެރިން، ފެބުރުވަރީ 07 ގައި 165 ފަތުރުވެރިން، ފެބުރުވަރީ 14 ގައި 3904 ފަތުރުވެރިން، ފެބުރުވަރީ 16 ގައި 2553 ފަތުރުވެރިން، ފެބުރުވަރީ 19 ގައި 1037 ފަތުރުވެރިން، މާރިޗު 04 ގައި 2736 ފަތުރުވެރިން، މާރިޗު 12 ގައި 1210 ފަތުރުވެރިން އަދި މާރިޗު 13 ގައި 1348 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެެވެ.

ކުރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަގްބޫލުކަން އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 5 ލައްކައަށް އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.

ކްރޫޒް ވިޔަފާރިއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ވިޔަފާރިއެކެވެ. މިވިޔަފާރި އިތުރަށް ފުޅާކޮށް، ހުރި ގޮންޖެހުންތައް ހައްލުކުރުމަށް، ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެއެވެ.