ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ އެހެން އަހަރުތަކެކޭވެސް އެއް ފަދައިން މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

މިދު އަދި މިމަހުގެ 15އާއި 16 އާއި 18 ވަނަ ދުވަހުވެސް ގޮވާމުން ފިތުރު ޒަކާތް ދެއްކޭނެ ކަން ފާހަގަކޮށް ޒަކާތު ހައުސްއިން ބުނީ މިއަދު އަދި މާދަން ހެނދުނު 10:00 އިން 12:00 އަށް ޒަކާތް ދެއްކޭނެ ކަމަށާއި 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ޒަކާތެއް ދެއްކޭނެ ކަމަށެވެ. އަދި އެ ދެދުވަހު 13:00 އިން 15:00 އަށްވެސް ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަނީ، އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫގެ އިތުރުން ގޮދަން ފުށް އަދި އާޓާ ފުށެވެ. ފިތުރު ޒަކާތުގެގޮތުގައި ދައްކާނީ އާންމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަމަޖައްސައެވެ. އެގޮތުން މިފަހަރުވެސް ފުރަތަމަ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސައި، އެއަށްފަހު އޮންލައިންކޮށް ޒަކާތް ދެއްކުމަށް އުނދަގޫވާ ފާރާތްތަކަށް އެ އިންތިޒާމް ޒަކާތު ހައުސްއިންވަނީ ހަމަޖައްސާފައެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ގޮތުން ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ޒަކާތުގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ 3 ރޯދަމަހާ އަޅާބަލާއިރު، އެންމެ ގިނަ އަދަދަކަށް ފުރަތަމަ 15 ގައި ޒަކާތް ލިބުނު އަހަރެވެ.

1447 ވަނަ އަހަރު މާލޭ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ މާލެގައި ހުންނަ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަންގައެވެ.