ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިހާރު ތިން ފަހަރަށް ރިޖެކްޓުކޮށްފި ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
ރިފަރެންޑަމް ވޯޓާ ގުޅިގެން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލަ މިހާރު ގޮސްފައި އޮތް ހިސާބުގެ ތަފުސީލުތައް ހާމަކުރައްވަމުން، އެ ޕާޓީގެ ލީގަލް ޑިރެކްޓަރު އަދި ގާނޫނީ ވަކީލު އަހުމަދު މައުރޫފް ވިދާޅުވީ، މައްސަލަ ހުށަހެޅި ފަހުން އެ ފޯމުގައި ހުރި ބައެއް ކަންކަން އިސްލާހު ކުރުމަށް މިދިޔަ މަހު 26 ގައި އެންގާފައިވާ ކަމަށެވެ.
އެގޮތުން އެއީ، އެމްޑީޕީގެ ރަޖިސްޓްރީގެ ކޮޕީއަކާއި އެ ޕާޓީގެ ފަރާތުން މައްސަލަ ހުށަހަޅާއިރު ސޮއިކުރަން ހުއްދަ އޮންނަ ފަރާތް ކަނޑައަޅާފައި އޮތް ގަރާރު ފަދަ ރަސްމީ ލިޔުންތަކުގެ ސާފު ކޮޕީއެއް ހުށަހެޅުމަށް ކަމަށް މައުރޫފް ވިދާޅުވިއެވެ. އެހެން ނަމަވެސް، އެންމެ ފުރަތަމަ އެ މައްސަލަ ހުށަހެޅި އިރު އޮންނަނީ އެ ކޮޕީތައް ހުށަހަޅާފައި ކަމަށާއި އެއީ ކުރިން ވެސް މައްސަލަތަކުގައި ކޯޓުތަކަށް ހުށަހެޅި ލިޔުންތައް ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ، ހަމަ އެ ދުވަހު އެ ލިޔުންތައް އަލުން ސްކޭންކޮށް ކޯޓަށް ހުށަހެޅި ކަމަށާއި މި މަހުގެ 5 ވަނަ ދުވަހު އިސްލާހު ކުރުމަށް އައީ އިތުރު އެހެން ކަމެއް ކަމަށެވެ. އެގޮތުން މި ފަހަރު އެންގީ، ހުށަހަޅާފައިވާ މައްސަލަ ހިނގިކަން އަންގައިދޭ ހެކިބަހުގެ ބަޔާނެއް ހުށަހެޅުމަށް ކަމަށް ވެސް މައުރީފް ވިދާޅުވިއެވެ.
މައުރީފް ވަނީ ސިވިލް ކޯޓުން މިފަހަރު އަމަލުކޮށްފައިވަނީ މައްސަލަތަކުގައި އެހެންޏާ އަމަލުކުރާ ގޮތާ ހިލާފަށް ކަމަށް ތުހުމަތުކުރައްވާފައެވެ.
މައުރޫފް ވިދާޅުވީ، ފޯމު ހުށަހެޅީމަ އިސްލާހުކުރަން ކަންކަން ހުރި ނަމަ، ހުރިހާ ކަމެއް އެއްފަހަރާ އެންގި ނަމަ ފަސޭހަވީސް ކަމަށާއި، ނަމަވެސް، ފަހަރަކު ކަމެއް އިސްލާހު ކުރުމަށް އަނގަމުން ދާ ކަމަށެވެ. އަދި މިގޮތަށް ތިން ފަހަރެއްގެ މަތިން ސިވިލް ކޯޓުން މިހާރު ވަނީ އެ މައްސަލަ ރިޖެކްޓުކޮށްފައި ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް އިތުރަށް ވިދާޅުވީ، އެމްޑީޕީން އެދެނީ، ވީ އެންމެ އަވަހަކަށް އެ މައްސަލަ ރަޖިސްޓްރީކޮށް ކުރިއަށް ގެންދިޔުންކަން އޭނާ ފާހަގަކުރައްވާފައެވެ. އެއާއެކު، މި ދަނޑިވަޅުގައި އެންމެ މުހިންމީ ދެ އިންތިހާބު އެއްކުރާ ވޯޓު ހުއްޓުވާ ވަގުތީ އަމުރު ނެރުން ކަމަށެވެ. އަދި މި މައްސަލައިގެ ގޮތުން، ވަގުތީ އަމުރެއް ނެރެނުދީ ވާނެ ގޮތެއް ކޯޓަށް ނޯންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް މައުރޫފް ވިދާޅުވެފައެވެ.