އައްޑޫ ހިތަދޫގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީއަކީ ކާކުކަން ދެނެގަތުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އައްޑޫ ސިޓީ، ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮތް މީހާ ފެނިފައިވަނީ މިއަދު ހަވީރު 16:41 ހާއިރު ކަމަށް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

މި ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ މީހާގެ ހަށިގަނޑު އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފަފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މައްސަލައާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރަމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަރުވެފައިވާ މީހާއަކީ ބޭރު ގައުމަކަށް ނިސްބަތްވާ މީހެއްކަމަށް ބެލެވޭ ދޮން ނަސްލުގެ ފިރިހެނެކެވެ. އޭނާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައެއް ނުވާ ކަމަށް ފުލުުހުން ވަނީ ބުނެފައެވެ. އަދި އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ މިސިންގ ޕަރސަންސް ރިޕޯޓެއް ވެސް މިހާތަނަށް ފުލުހުންނަށް ލިބިފައި ނުވައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވީމާ، މި މީހާއަކީ ކާކުކަން ދެނެގަތުމަށް އެހީތެރިވެދެވޭނެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، ނުވަތަ އެ ސަރަހައްދުގައި އުޅޭ ބިދޭސީއެއްގެ ޚަބަރެއް ނުވެގެން އުޅޭނަމަ، ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.