މ. ވޭވަށުގައި ޤާއިމުކުރާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ރާއްޖޭގެ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެގޮތް ފަހިކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) މެދުވެރިކޮށް ކުރިއަށްގެންދާ މަސައްކަތެކެވެ.
ވޭވަށު އައިސް ޕްލާންޓު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 27 ސެޕްޓެމްބަރު 2025 ގައެވެ. 240 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ މި މަސައްކަތުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މިގޮތުން މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސް، މިހާރު ކުރިއަށްދަނީ އައިސް ޕްލާންޓު އިމާރާތުގެ ފައުންޑޭޝަން މަސައްކަތްކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
ވޭވަށުގައި ޤާއިމުކުރާ އައިސް ޕްލާންޓަކީ ދުވާލަކަށް 60 ޓަނުގެ ފްލޭކް އައިސް އުފެއްދުމުގެ ޤާބިލުކަން ހުންނަ ޕްލާންޓެކެވެ. މި ޕްލާންޓު ޤާއިމުކުރަނީ 100 ޓަނުގެ އައިސް ރައްކާކުރެވޭ ސްޓޯރޭޖް ފެސިލިޓީއަކާވެސް އެކުގައެވެ. އެހެންކަމުން، މި އައިސް ޕްލާންޓުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ޔަގީންކަން ބޮޑުވެ، މަސްވެރިކަމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
އައިސް ޕްލާންޓްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖްތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ރާއްޖޭގައި މިހާރު ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަކީ 9500 މެޓްރިކް ޓަނުގައެވެ. އަދި އެއަދަދު 25000 ޓަނަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެކަން ކުރުމަށްޓަކައި މިހާރުވެސް 4 ރަށެއްގައި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.