މާލޭގެ މޭޔަރުކަމުގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު އެމްޑީޕީގެ ސަރުކާރުން އެމަނިކުފާނަށް ހުރަސްއަޅަމުން ގެންދިޔަ ކަމަށް ކޮންގްރެސް ޕާޓީގެ ނާއިބުރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ، ކޮންގްރެސް ޕާޓީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝިޖާއު ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ނިމުން އައިސް ކަންކަން ހައްލުވާން އޮތީ މޭޔަރާ އެކު ޕީއެންސީގެ ކައުންސިލަރުން ހޮވައިގެން ކަމަށެވެ.

އެހެންކަމުން މިއަދު މާލޭ ސިޓީ ކައުންސިލަށް މޭޔަރަކު ވަޑައިގެން މަސައްކަތް ފައްޓަވަން ޖެހޭނީ ރައީސް މުއިއްޒު ނިންމެވި ހިސާބުންކަމަށް ޝުޖާއު ވިދާޅުވި އެވެ. ޝުޖާއު ވިދާޅުވީ މިފަހަރުވެސް މާލެ ސަރަހައްދަށް މެނިފެސްޓޯއެއް އެބަ އޮތްކަމަށާއި އެ މެނިފެސްޓޯ ތަންފީޒުކުރަން މޫސާ އަލީ ޖަލީލު ހޮވަންޖެހޭކަމަށެވެ.

"ރައީސް މުއިއްޒު މޭޔަރުކަމުން ވަކިވީ ހިސާބުން ފެނިގެންދިޔައީ މާލޭ ސިޓީ ކައުންސިލު އަނދިރިވެގެންދިޔަ މަންޒަރު. އަޅުގަނޑުމެންގެ ކައުންސިލަރުން މަސައްކަތް ނުކުރައްވާތީކީ ނޫން. އެހެންނަމަވެސް ނިޒާމު ހަމަޖެހިފައިވާގޮތުން ކައުންސިލަރަކު މަސައްކަތް ކުރި ނަމަވެސް ފަހު ބަސް އިއްވަނީ މޭޔަރު. މިއަދު ހުޅުމާލޭ ދެކުނު ދާއިރާގެ ރައްޔިތުން ވިސްނަވަންވީ އުބެއިދު އެކަނި ހޮވައިގެން މިކަންކަން ނިންމޭކަށް ނެތް. އުބެއިދާ އެއްކޮށް މާލޭގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލު އެބަ ވައްދަންޖެހޭ. ތިބޭފުޅުން އެހެން ނުހަދައިފިއްޔާ އައިމަން އަށް މިއަދު ލިބޭ ކަހަލަ ލަނޑު ލިބޭނީ "

ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު

ޝުޖާއު ވިދާޅުވީ ކައުންސިލުގައި ތިއްބެވި ޕީއެންސީގެ ކައުންސިލަރުން މަސައްކަތް ކުރައްވާކަމަށާއި އެކަމަކު އެކަންކަން ތަންފީޒު ނުކުރެވެނީ މޭޔަރު އެކަންކަމަށް ހުރަސްއަޅުއްވާތީ ކަމަށެވެ. މާލެ ސިޓީ ކައުންސިލުގެ މެޖޯރިޓީ ކޮންގްރެސް ޕާޓިއަށް ދޭންޖެހެނީ މާލޭގެ މޭޔަރެއްގެ ނާގާބިލުކަން ރައްޔިތުންނަށް ފެންނަމުންދާތީކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން ޝިޖާއު ވިދާޅުވީ، ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޮވައިފިނަމަ މާލެ ސަރަހައްދަށް ބޭނުންވާ ތަރައްގީ ގެނެސްދޭނީ ސަރުކާރާ ގުޅިގެން ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކުގައި ކަމަށެވެ.