ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ ގޮތުން ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑު ހަރުކުރަން ނިންމާފައިވާކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިލެކްޓްރިކް އުޅަނދުތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑު ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ފަސޭހައިން ވަކިކުރަން އެނގޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ އެއީ ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރެވޭ މުހިންމު މަސައްކަތެއްކަމަށާއި މި މަސައްކަތަކީ ކޮޕް 29 ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި މޫސުމީ ބަދަލުތަކާ ގުޅޭ ވައުދުފުޅުތައް ފުއްދެވުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް އުޅަނދު ގެންގުޅުމުގެ ފުރުސަތު ފަހިކޮށް ދިނުމަށާއި ހަކަތައިގެ ސިނާއަތަށް ކަނޑައަޅުއްވާފައިވާ ތިމާވެއްޓާއި ރައްޓެހި ހަރުދަނާ ސިޔާސަތުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށް ސްޓެލްކޯއިން ވަނީ އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް ވެސް ގާއިމުކޮށްފައެވެ.

އެފަދަ ތިމާވެއްޓާއި ރައްޓެހި، ރައްޔިތުންނަށް ފައިދާ ކުރަނިވި ބަދަލުތަކަށް ދިވެހިން އަބަދުވެސް މަރުހަބާ ކިޔާނެކަން ފާހަގަކޮށް އޭގެ ސަބަބުން މާލެތެރޭގެ ވައި ތަގައްޔަރުވުން ކުޑަކުރެވި މުޖުތަމައުގައި ދިރިއުޅޭ ފަރުދުންގެ ސިއްހަތަށް ވެސް އޭގެ ފައިދާތަކެއް ކުރާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.