އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެނައި ދެމީހުންނަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ދިގުރަށުގައި ހުރި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 8 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންގޮސްފަވާ ކަމަށާ މި ހާދިސާގައި އަނިޔާލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި ވަނީ މާލެ ގެނެސް އައިޖީއެމްއެޗުގައިވަނީ ފަރުވާ ދޭން ފަށާފައެވެ. އަދި މި ދެ މީހުންގެ ހާލުވެސް ވަރަށް ސީރިއަސް ކަމަށާއި ދެމީހުންނަށްވެސް މިހާރު ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
މި ހާދިސާއާއި ގުޅިގެން މާލެއިން ހާއްސަ ތަހުގީގު ޓީމެއް ދިގުރަށަށް މިހާރު ވަނީ ގޮސްފައެވެ. މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނެއެވެ.
ދައުލަތުގެ މިޑިއާއަށް މައުލޫމާތުދެއްވަމުން ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން ވިދާޅުވީ، މިހާދިސާ ހިނގާފައިވަނީ އަލިފާން ރޯވި އެކަމަޑޭޝަންގައި ދެ މީހަކު ދަންވަރު ކައްކަން އުޅެނިކޮށް ކަމަށާއި އެ ވަގުތު އެހެން މީހުން ތިބީ ގޭތެރޭގައި ނިދާފައި ކަމަށެވެ.
ނަމަވެސް ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން ރަސްމީ މައުލޫމާތެއް އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 2:00 އެހައިކަންހާއިރު ކަމަށާ ރޯވި އަލިފާން މިހާރު ނިއްވާލާފައިވަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.