އަތޮޅުތަކުގެ ރަށްރަށުގައި ތަރިކަވެރިން އުފެއްދުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ އަށް މައުލޫމާތުދެއްވަމުން ވަޒީރު ވަނީ އެ ވުޒާރާއިން ކުރަމުންދާ ބައެއް މަސައްކަތްތަކަށާއި، ކުރިއަށް ރޭވިފައިހުރި ބައެއް މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން އެ ވުޒާރާއިން އެންމެ އިސްކަމެއްދީގެން ކުރާ އެއް މަސައްކަތަކީ ރާއްޖޭގެ ތަރިކައިގެ ދާއިރާ އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ.
ތަރިކައިގެ ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއަށް އޮތް ޖީލުތަކާއި ހަމައަށް ގެންގޮސްދިނުމަށް މި ސަރުކާރުން ވަނީ ތިން ސިޔާސަތެއް އެކަށައަޅާފައިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެއީ، ތަރިކައިން އާމްދަނީ ހޯދުމާއި، ތަރިކައަކީ ދިވެހީންގެ ތަޖުރިބާގެ ބަޔަކަށް ހެދުމަށާއި، ތަރިކަ ޑިޖިޓަލައިޒްކޮށް ޒަމާނަށް އަންނަ ކުރިއެރުމަކަށް ހެދުން ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ދިވެހި ދައުލަތުން މި ސިޔާސަތުތައް ހަގީގަތަކަށް ހެދެމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި ށްރަށުގައި ތަރިކަވެރިން އުފެއްދުމަށް އެވުޒާރާއިން މުހިންމު މަސައްކަތްތަކެއް ކުރާކަމަށެވެ. އެގޮތުން، ކޮންމެ ރަށަކުން 10 ވަރަކަށް މީހުން ތަރިކަވެރިންގެ ގޮތުގައި ތަމްރީނުކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިފަދަ މަސައްކަތެއް ކުރުމުގެ މައިގަނޑު މަގްސަދަކީ، އަތޮޅުތަކުގެ ރަށްރަށުގައި ހުރި ތަރިކަ ދިރުވާ އާލާކޮށް، ރަށްރަށުގައި ހުރި ތަރިކަތައް ނެތިދިއުމަށް އޮތް ފުރުސަތުތައް ހަނިކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ ކޮންމެ ރަށެއްގައިވެސް ހުރި ތަރިކަތަކަކީ އެބައެއްގެ އަސްލުތަކާ ގުޅިފައިވާ އެއްޗެއްކަން ފާހަގަކުރައްވާ، ތަރިކަ ހިމާޔާތްކޮށް ރައްކާތެރިކުރުމަކީ ހަމައެކަނި ސަރުކާރުން ޒިންމާވާންޖެހޭ ކަމަކަށް ހެދުމުގެ ބަދަލުގައި، އެރަށެއްގެ ރައްޔިތުންވެސް ޒިންމާވާންޖެހޭކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން ކޮންމެ ރަށެއްގެ ތާރީހު އަލުން އިއާދަކުރެވި، އެރަށެއްގެ ތާރީހު އަލުން ލިޔެވުންފަދަ މުހިންމު މަސައްކަތްތަކެއް ކުރިއަށްއޮތްތަނުގައި ކުރެވިގެންދާނެކަމަށެވެ.