ޤައުމީ ތަރައްޤީގެ ޕްލޭނާ ގުޅޭގޮތުން ތަޖުރިބާކާރުންނާއި އާއްމުން ހިމެނޭހެން އަންނަ މަހު މަހާސިންތާއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

އެ ޕްލޭން އެކުލަވާލަމުންދާ ކޮންސަލްޓަންޓް ނެކްސިއާ މޯލްޑިވްސްއިން ބުނީ މިހާރު ތައްޔާރުވަމުންދަނީ ފައިނަލް ޕްލޭން އެކުލަވާލުމުގެ ކުރިން، ޑްރާފްޓް ޕްލޭން ޙިއްސާކޮށް އެއަށް ޚިޔާލު ހޯދުމަށް މަހާސިންތާ ބޭއްވުމަށް ކަމަށެވެ.

އެގޮތުން މި މަހާސިންތާގައި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި އާއްމުން ހިމެނޭހެން 200އެއްހާ މީހުން ބައިވެރިވާނެ ކަމަށް ނެކްސިއާ މޯލްޑިވްސްއިން ބުނެއެވެ. ެއެ ޕްލޭނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، އެއާއި މެދު އާއްމު ރައްޔިތުންގެ ޚިޔާލު ހޯދުމަށްވެސް ހުޅުވާލާނެއެވެ. އަދި ސަރަޙައްދީ ފެންވަރުގެ ވެލިޑޭޝަން ބައްދަލުވުންތައްވެސް ބާއްވާނެއެވެ.

ޤައުމީ ތަރައްޤީގެ ޕްލޭންގެ މައިގަނޑު މަޤްސަދަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ރިއާޔަތްކޮށް ޤައުމުގެ ބަދަލުވަމުންދާ އިގްތިޞާދީ، އިޖުތިމާޢީ، ތިމާވެށި އަދި ޢުމްރާނީ ބޭނުންތަކަށް އަމާޒުކޮށް، ޤައުމީ ފެންވަރުގައި އެންމެ އިސްކަންދޭ ދާއިރާތަކުގެ ދުރުރާސްތާގެ ޕްލޭނެއް އެކުލަވާލުމެވެ. މިގޮތުން، ކުރިއަށްއޮތް 20 އަހަރުތެރޭގައި ސަރުކާރުގެ ސިޔާސަތުތަކާއި، އިންވެސްޓްމަންޓްތައް އަދި ޤައުމީ ތަރައްޤީގެ ރޭވުންތަކަށް މަގުދައްކައިދޭނެ އިސްތިރާޖީ އޮނިގަނޑަކަށް މިޕްލޭން ވެގެންދާނެކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ޕްލޭނަކީ ހެކިތަކުގެ މައްޗަށް ބިނާކޮށްފައިވާ، ޤައުމުގެ ތަފާތު އެކި ބޭނުންތަކަށް އިޖާބަދޭ، އަދި ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ މުޖުތަމަޢުތަކުގެ ޚިޔާލާއި މަޝްވަރާގެ މައްޗަށް ބިނާކޮށްގެން އެކުލަވާލެވޭ ޕްލޭނެއްކަން ކަށަވަރުކުރާނެއެވެ. މިގޮތުން، ގިނަ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި މުޅި ރާއްޖެ ހިމެނޭގޮތަށް މަޝްވަރާކުރުމުގެ މަރުހަލާއެއް ކުރިއަށް ގެންދާނެކަމަށް ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.